ކުޅިވަރު

ބީޖީގެ މައްޗަށް މާޒިޔާއިން ކުރި ހޯދައިފި


އަލީ އަޝްފާޤް މާޒިޔާއަށް ކުޅެދިން ފުރަތަމަ މެޗް ކާމިޔާބުކޮށް އުރީދޫ ދިވެހި ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނާގައި މާޒިޔާއިން ހަ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗް މާޒިޔާއިން ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގައި މާޒިޔާއިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެނިކޮށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުﷲ އަބުދުﷲ އެވެ. މެޗްގެ ދެވަނަ ހާފްގައި އަޝްފާޤް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ ތާވަލްގެ އެއްވަނާގައި އޮތީ ވިހި ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ޓީސީ ސްޕޯރޓްސް ކްލަބާ ތިންވަނާގައި އޮތް އީގަލްސްއަށް ލިބެނީ ސާދަ ޕޮއިންޓެވެ. ބީޖީ އޮތީ ތާވަލްގެ އެންމެ ފުލުގައި ތިން ޕޮއިންޓާއެކުއެވެ.

 ލީގުގައި 21 ވަނަ ދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ކްލަބް އީގަލްސްއާ ކްލަބް ވެލެންސިޔާއެވެ. 21ވަނަ ދުވަހުގެ ރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބެވެ.