ޚަބަރު

ސަމާހަތްތެރިކަމާއިއެކު އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭ: ރައީސް


  • ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭކަމަށް ވިދާޅުވި

  • އެންމެންވެސް ޝާމިލުވާ މުޖުތަަމަޢެއް ޤާއިމުކުރުމަށް ސަރުކާރުންދަނީ މަސައްކަތްތަކެއް ކުރައްވަމުން

ސަމާހަތްތެރިކަމާއި އެކު މުޖުތަމަޢުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ގެންގުޅެންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ގުޅިގެން އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހި މުޖުތަމަޢުގައި އުޅޭ ތަފާތު މިޒާޖުގެ މީހުންނަކީ ޤައުމުގެ ކުރިއެރުމަށް ލިބޭ ބާރެއްކަމަށް ދެކެންޖެހޭ ކަމަށެވެ. އަދި ކުރިއަށްވުރެ މިހާރު އެންމެން ގުޅިގެން ސަމާހަތްތެރިކަމާއެކު މުޖުތަމަޢުގައި އެންމެންވެސް ޝާމިލުކުރުމުގެ ސަގާފަތެއް ޤާއިމުކޮށް، އަމާންކަމާއެކު ކުރިއެރުމުގެ މަގު ފަހިކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެންމެންވެސް ޝާމިލުވާ މުޖުތަަމަޢެއް ޤާއިމުކުރުމަށް ސަރުކާރުންދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް، ދިވެހި ޤައުމުގެ ކުރިއެރުމުގައި ދައުރައް އަދާކުރެވިދާނެ ބަޔަކަށް ހެދުމަށް ތަފާތު ޕްރޮގުރާމްތައް ދަނީ ހިންގަމުންނެވެ.

މިފަދަ ޕްރޮގުރާމްތަކުގެ ތެރޭގައި ތަފާތު ހުނަރުތައް ދަސްކޮށްދިނުމާއި ތަމްރީން ޕްރޮގުރާމްތައް ދަނީ ހިންގަމުންނެވެ. އަދި މަސައްކަތު މާޙައުލު އެފަދަ ކުދިންނަށް ފަހިކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މީގެ އިތުރުން ދިވެހި މުޖުތަމަޢަކީ އަމާން ސުލްޙަ ޤާއިމުވެފައި އޮތް ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖޭގައި ހުރި އިޖުތިމާޢީ ބަލިތައް ނައްތާލުމަށްވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ބައިނަލްއަޤުވާމީ ގުޅިގެން ސުލްޙައާއި އަމާންކަމާއެކު ދިރިއުޅުމުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އެކި މިޒާޖުތަކުގެ މީހުން އުޅޭކަން ޤަބޫލުކޮށް އެހެން މީހުންނަށް އިޙުތިރާމްކޮށް، ބަލައިގަނެ، އެމީހުންގެ ވާހަކަތައް އަޑު އަހައި އެއްބައިވަންތަކަމާއެކު ދިރިއުޅުމެވެ.