ޚަބަރު

ޕީޕީއެމް އުވުނުއިރު، ސެނެޓުގައި ހިމެނޭ ގިނަ ބަޔަކު ޕީއެންސީއާ ގުޅިވަޑައިގެންފި


  • އަލަށް ގުޅިވަޑައިގެތް ފަރާތްތައް އިޤުރާރު ޕާޓީގެ ރައީސާ ހަވާލުކޮށްފައިވޭ

  • ޕީއެންސީގެ މެންބަރުންގެ ޖަލްސާގައި 3 ކަމެއް ނިންމާފައިވޭ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމް އުވުނުއިރު، އެ ޕާޓީގެ ސެނެޓު މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ ބަޔަކު ރަސްމީކޮށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއާ ގުޅިވަޑައިގެންފިއެވެ.

ޕީޕީއެމްގެ ސެނެޓު މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ މިއަހަރުގެ ކޮންގްރެސް ޕާޓީގެ ފުރަތަމަ މެންބަރުންގެ މަޖިލިސް ބައްދަލުވުމުގައެވެ.

މަޖިލިސް ބައްދަލުވުމުގައި ގުޅިވަޑައިގެން ފަރާތްތަކުގެ އިޤުރާރު ޕާޓީގެ ރައީސާ ހަވާލުކުރެއްވިއެވެ. މިއަހަރުގެ ފުރަތަމަ މެންބަރުންގެ މަޖިލިސް ބައްދަލުވުމުގައި ބައެއް ކަންކަންވެސް ޕާޓީން ނިންމެވިއެވެ. އޭގެ ތެރޭގައި ޕީޕީއެމް ލީޑަރޝިޕް އަދި ސެނެޓުގައި ތިއްބެވި މެންބަރުންގެ ތެރެއިން ކޮންގްރެސް ޕާޓީއަށް ސޮއިކުރެއްވި މެންބަރުންނަކީ ޕާޓީގެ ލީޑަރޝިޕް އަދި މެންބަރުންގެ މަޖިލީހުގެ މެންބަރުންކަމުގައި ކަނޑައެޅުމަށް ލީޑަރޝިޕުން ހުށަހެޅުމުން ކޮންގްރެސް ޕާޓީގެ މެންބަރުންގެ މަޖިލިސްގެ އިއްތިފާޤުން އެކަން ފާސްކުރުން ހިމެނެއެވެ. އަދި ޕީޕީއެމް ދެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނާއި އަޙްމަދު ޝިޔާމް، ކޮންގްރެސް ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި އައްޔަންކުރެއްވުމަށްވެސް ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ރަސްމީކޮށް ހިމެނުމަށާއި އިތުރު ބައެއް އިދާރީ އިސްލާހުތައް ޕާޓީގެ ހިންގާ ގަވާއިދަށް ގެނައުމަށްވެސް މި ބައްދަލުވުމުގައި ފާސްކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ތާޢީދާއެކު ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ޕީއެންސީގެ ފަރާތުން ރައީސް މުޢިއްޒު އިންތިޚާބުގައި ކުރިމަތިލެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުންނެވެ.

ޕީއެންސީއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް 2018ގެ ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ، ޕީޕީއެމް ގެއްލިދާނެކަމުގެ ބިރު ހީވެފައިވާ ދުވަސްވަރެއްގައި އެމަނިކުފާނު އިސްވެ އުފެއްދެވި ޕާޓީއެކެވެ. މި ޕާޓީ އުފައްދާފައިވަނީ ޕީޕީއެމްގެ ހިންގުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާ ހަވާލުކުރުމަށް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.

އަދުގެ ސަރުކާރު ހިންގާ މައި ޕާޓީއަކީ ޕީއެންސީއެވެ. އެހެންކަމުން ޕީޕީއެމްގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެއާއެކު ޕީޕީއެމް އުވާލަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.