ދުނިޔޭގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެތުލީޓަކީ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ފޯބްސް މަޖައްލާއިން ހާމަކޮށްފިއެވެ.
ވިޔަފާރީގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު ފޯބްސް މަޖައްލާއިން ހާމަކޮށްފައިވާ ގޮތުގައި މި ލިސްޓުގެ އެއްވަނައިގައި ޖެހިޖެހިގެން ތިންވަނަ އަހަރަކަށް ރޮނާލްޑޯ ހިމެނިފައިވާއިރު އޭނާ އަށް އާމްދަނީގެ ގޮތުގައި އަހަރަކު 275 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ އެވެ. އެއީ މަހަކަށް 22.9 މިލިއަން އެމެރިކާ ޑޮލަރު އަދި ދުވާލަކަށް 763,888 އަދި ގަޑިއިރަކަށް 31,828 އެމެރިކާ ޑޮލަރެވެ.
އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަށް އަހަރަކު 275 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭއިރު 2022 ވަނަ އަހަރު ސައުދި އަރަބިއްޔާގެ އަލް ނަސްރު އާއި ގުޅުނު ފަހުން އޭނާ އާއިއެކު އެކި ފަރާތްތަކުން ހަދާފައިވާ ސްޕޮންސަރޝިޕް ތަކުގެ އިތުރުން ސޯޝަލް މީޑިޔާ ޕްލެޓް ފޯމްތަކުން އޭނާއަށް ލިބެމުންދާ އާމްދަނީ އިންތިހާއަށް އިތުރުވެފައިވާކަމަށްވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
މި ލިސްޓުގެ ދެވަނައިގައި މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ސްޓެފެން ކަރީ ހިމެނިފައިވާއިރު އޭނާގެ އާމްދަނީ އަކީ 156 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ތިންވަނައިގައި އޮތް ޓައިސަން ފިއުރީގެ އާމްދަނީ އަކީ އަހަރަކު 146 މިލިއަން އެމެރިކާ ޑޮލަރެވެ.
އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ދިހަ އެތްލީޓުންގެ ތެރޭގައި ދެން ހިމެނޭ ފުޓްބޯޅަ ކުޅުންތެރިންނަކީ ލިސްޓުގެ ފަސްވަނައިގައި އޮތް ލިއޮނެލް މެސީ އާއި އަށް ވަނައިގައި ހިމެނޭ ފްރާންސްގެ ކަރީމް ބެންޒޭމާ އެވެ. މެސީ އަށް އާމްދަނީގެ ގޮތުގައި 135 މިލިއަން އެމެރިކާ ޑޮލަރު ލިބޭއިރު ކަރީމް ބެންޒޭމާގެ އާމްދަނީ އަކީ އަހަރަކު 104 މިލިއަން އެމެރިކާ ޑޮލަރެވެ.