އިޓަލީގެ ރޯމްގައި މިހާރު ކުރިއަށްދާ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޔަނިކް ސިނާ ހޯދައިފިއެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި ސިނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކެސްޕަރ ރޫޑް ވަރަށް ފަސޭހަ ކަމާއެކު ހައެއް ސުމެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން އޭނާ ބަލި ކުރުމަށްފަހުގަ އެވެ. ކެސްޕަރ ރޫޑް އަކީ ނިމިގެންދިޔަ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަން އެވެ.
ފުރަތަމަ ފަހަރަށް ރޯމްގައި ކުޅުނު މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށްފަހު ސިނާ ބުނެފައިވަނީ މި މެޗުގައި އޭނާއަށް ދެއްކުނު ކުޅުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި ކުރިއަށް ހުރި މެޗުތަކުގައިވެސް މިއަށްވުރެ ރަގަޅު ކުޅުމެއް ދައްކަން ބޭނުންވާ ކަމަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ސިނާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ ޓޮމީ ޕޯލް އެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިޓަލީގެ ލޮރެންޒޯ މުސޭޓީ އާއި ސްޕެއިންގެ ކާލޯސް އަލްކަރޭޒް އެވެ.
މި މުބާރާތުގެ އަންހެން އިވެންޓުގެ ފައިނަލުގެ ޖާގައެއް އެމެރިކާގެ ކޮކޯ ގައުފު ވަނީ ހޯދާފަ އެވެ. އޭނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޗައިނާގެ ޒެންގް ކިންވެން އާއި ދެކޮޅަށް ކުޅުނު މެޗު ތިން ގަޑިއިރާއި ބައިގެ ވަގުތަކަށްފަހު ހަތެއް ހައެއް, ހަތަރެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ނިމިގެންދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ކޮކޯ ގައުފު މި މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު މިއީ އޭނާ މި މުބާރާތުގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.