ޚަބަރު

ދިވެހިންގެ މެދުގައި މަޤުބޫލު ބޮޑީ ޝޮޕް ރާއްޖެއަށް


  • ފިހާރަ ހުޅުވާފައިވަނީ މަޖީދީމަގު ކެމްޕަސްއާ އިންވެގެން

  • އެހެން ޤައުމުތަކުގެ ބޮޑީ ޝޮޕްތަކުން ލިބޭ ހުރިހާ އުފެއްދުންތަކެއް ލިބެން ހުންނާނެ

  • ރާއްޖެއަށް ޚާއްސަ ކަލެކްޝަނެއް ވަރަށް އަވަހަށް އަންނާނެ

ބައިނަލްއަޤުވާމީ ކޮސްމެޓިކް ބްރޭންޑެއްކަމަށްވާ ބޮޑީ ޝޮޕް ފްރެންޗައިޒްގެ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

މިފިހާރަ ހުޅުވާފައިވަނީ މަޖީދީ މަގު ކެމްޕަސް ފިހާރައާއި އިންވެގެންނެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ރާއްޖޭގެ ބޮޑީޝޮޕުން ބުނީ، މިއީ ފުރަތަމަ ކޮސްމެޓިކްސްގެ ފްރެންޗައިޒެއް ރާއްޖެއަށް ގެނެވުނު ފުރަތަމަ ފަހަރުކަމަށެވެ. ދިވެހިން އާންމުކޮށް ގޮސްއުޅޭ އެހެން ޤައުމުތަކާއި އަޅާބަލާއިރު، ކުޑަ ތަފާތެއް ހުރިނަމަވެސް، އަގުތައް ހުންނާނީ އެވްރެޖްކޮށް އެއްވަރެއްގައިކަން އެފިހާރައިން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން ޤައުމުތަކުގެ ބޮޑީ ޝޮޕްތަކުގައި ހުންނަފަދަ ޕްރޮމޯޝަންތައް މާލޭ ބޮޑީ ޝޮޕްގައިވެސް ކުރިއަށްގެންދާނެކަމަށެވެ.

ބޮޑީ ޝޮޕްގެ ފްރެންޗައިޒްގައި ކޮންމެ ޤައުމަކަށްވެސް ޚާއްސަ ކަލެކްޝަންތަކެއް ހުންނަކަން ފާހަގަކޮށް ރާއްޖޭގެ ބޮޑީ ޝޮޕުން ބުނީ، ރާއްޖެއަށް ޚާއްސަ ކަލެކްޝަނެއްވެސް ކުރިއަށް އޮތްތަނުގައި އަންނާނެކަމަށެވެ. އަދި މިހާރުވެސް އާންމުކޮށް އެހެން ހުރިހާ ޤައުމެއްގެ ބޮޑީ ޝޮޕްތަކުން ލިބޭ ހުރިހާ ބާވަތެއްގެ އުފެއްދުންތައްވެސް މާލެއިން ލިބެން ހުންނާނެކަމަށެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ބޮޑީ ޝޮޕްގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ 1976ގައި އިންގްލޭންޑްގެ ބްރިޖްޓަންގައެވެ. ދުނިޔޭގެ 80 އަށްވުރެ ގިނަ ޤައުމުގައި ބޮޑީ ޝޮޕްގެ ފިހާރަތައް ހުންނައިރު، މިއީ ދިވެހިންގެ މެދުގައިވެސް މަޤުބޫލު ބްރޭންޑެކެވެ. އަދި ދިވެހީން އާންމުކޮށް ގޮސްއުޅޭ ގިނަ ޤައުމުތަކުން އަދި ރާއްޖޭގެ ބައެއް ފިހާރަތަކުގައިވެސް ބޮޑީ ޝޮޕްގެ އެކި އުފެއްދުންތައް ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ.