ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބުގެ ކުޅުން އަދިވެސް ރަނގަޅުކުރަންޖެހޭކަމަށާ އެހެންނަމަވެސް ޓީސީއާ ދެކޮޅަށް ނުކުތް މެޗުގައި ހުރިހާ ވިސްނުމެއް ބެހެއްޓީ މެޗުން މޮޅުވެ ތިން ޕޮއިންޓު ކަށަވަރުކުރުމަށްކަމަށް އެޓީމުގެ ހެޑް ކޯޗު ސޮބާހު މުހަންމަދު ބުނެފިއެވެ.
ސޮބާ މިހެން ބުނެފަވަނީ އެފްއޭއެމްއިން ކުރިއަށްގެންދާ ލީގު ކަޕުގައި މިދިޔަ އަންގާރަދުވަހު ޓީސީ ސްޕޯޓްސް ކުލަބާ ވާދަކޮށް 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރުމަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުންނެވެ. ސޮބާހު ބުނެފަވަނީ ކުޅުމުގެ ތެރެއިން ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަމަށާ، އެކަމަކު އެދުވަހުގެ މެޗުގައި އެންމެ ބޮޑު އިސްކަމެއްދިނީ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓު ޔަގީންކުރުމަށްކަމަށެވެ.
"މިއަދު އަޅުގަނޑުމެން މިއައީ މުބާރާތުގައި ކުރިއަށްދާން ބޭނުންކަމަށްވަންޏާ މިއަދު ތިން ޕޮއިންޓު ވަރަށް މުހިންމު. އެއީ އަޅުގަނޑުމެންގެ ހުރިހާ ފޯކަސްއަކީ. ގޭމްގައި އިމްޕްރޫވްކުރަންޖެހޭ ކަންކަން ބައިވަރު" ލީގު ކަޕުގައި ނިއުރޭޑިއަންޓުގެ ފުރަތަމަ މޮޅު ހޯދައިދިން ކޯޗު ބުންޏެވެ.
ކުޅުމުގެ ތެރެއިން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަން ފާހަގަކުރަމުން އޭނާބުނީ ޓީމުގެ ދިފާއުތައް ވަރުގަދަކޮށް، ހަމަލާތައް އިތުރުކޮށް، ކުޅުން ހަލުވިކުރުމަށް އިސްކަންދޭންޖެހޭކަމަށެވެ.
"ޑިފެންސިވްލީވެސް އެޓޭކިންގަވެސް ބޯޅަދާއިރުގައި އެއްހާފު ތެރޭ ބޯޅަކުޅޭ އިރު އެއަށްވުރެ މޫވްމެންޓް އަވަސްވާންޖެހޭ" ސޮބާހް ފާހަގަކުރިއެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ސޮބާ ވަނީ ޕްރެކްޓިސްކުރުމަށް ވަގުތުކޮޅު މަދުކަމަށް ފާހަގަކޮށް އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައެވެ. އެގޮތުން އެކަށީގެންވާ ވަރަށް ޕްރެކްޓިސްތައް ބާއްވަން ވަގުތުނެތުމުގެ ސަބަބުން ކުޅެން ދަނޑަށް ނިކުންނަންޖެހެނީ ތައްޔާރުނުވެކަމަށް އޭނާ ބުންޏެވެ. އެކަމުގެ ސަބަބުން ނިއުރޭޑިއަންޓުގެ އަސްލުކުޅުން މިހާތަނަށް ދެއްކިފައިނުވާކަމަށްވެސް ސޮބާ ވަނީ ބުނެފައެވެ.
"ޕްރެކްޓިސްތަކެއް ނެތި މުބާރާތާ ކުރިމަތިލާންޖެހުމަކީ އަޅުގަނޑަށް އަދި އަޅުގަނޑުގެ ކޯޗިން ސްޓާފަށް އަސްލުގަ ނިއުރޭޑިއަންޓު ސަޕޯޓަރުންނަށްވެސް ކުޅުން އަދި ހަގީގަތުގަ ދައްކާނުލެވޭ. ކުޅުމަށް ބަލާއިރު ތަންކޮޅެއް ދަށްކޮށް ދިޔަ އެއް ސަބަބު" ސޮބާހުގެ ކަންބޮޑުވުން ހިއްސާކުރިއެވެ.
އެހެންނަމަވެސް މުޅި މެޗުގެ ފޯކަސްބެހެއްޓީ ތިން ޕޮއިންޓު ހޯދުމަށްކަމަށާ، އެކަން ކުޅުންތެރިންކޮށްފިކަމަށް ސޮބާހް ބުންޏެވެ.
"އަޅުގަނޑުމެން މިއަދު ހާސިލްކުރަން ބޭނުންވި ޓާގެޓް ﷲ އިރާދަކުރެއްވިއްޔާ ހާސިލްކުރެވިއްޖެ. އެހެންވީމަ ދެން އޮތީ މިހާރު މި ވިސްނަނީ ފަހަރަކު މެޗަކަށް. ދެވެން އޮތް އެންމެ ދުރަކަށް މިމުބާރާތުގަ ދެވޭތޯ" މުބާރާތުގައި ކުރާ އުންމީދުތަކާ ގުޅޭގޮތުން ސޮބާހް ބުންޏެވެ.
އެފްއޭއެމް ލީގު ކަޕްގައި ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބުން ދެން ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ އަންނަ ހޮނިހިރުދުވަހުގެރޭ 9:00ގައި ރަސްމީ ބޯޅަދަނޑުގައެވެ.