ސިއްހަތު

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިންޓީރިއާ ޑިޒައިނިންގ ފެށުން


ހުޅުމާލޭގައި ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތްތައް ނިންމައި, އިންޓީރިއާ ޑިޒައިނިންގެ މަސައްކަތްތައް ފަށައިފިއެވެ.

ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރާ މަލްޓި ސްޕެޝަލިސްޓް ފުރަތަމަ ހޮސްޕިޓަލެވެ. ޓާރޝަރީ ފެންވަރުގައި ތަރައްޤީކުރާ 170 އެނދުގެ މި ހޮސްޕިޓަލަކީ، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާތަނަށް އަމިއްލަ ކުންފުންޏަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެގޮތުން މުޅި މި ޕްރޮޖެކްޓަށް 80 މިލިއަނަށްވުރެ ގިނަ ޑޮލަރު ޚަރަދުވާނެކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ. މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް މުޅިން ނިންމާލުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ. މި ހޮސްޕިޓަލުން ދެކުނު އޭޝިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގެ ހޮސްޕިޓަލްތަކާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ދެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/14690276226641.jpg|ހުޅުމާލޭގައި ޢިމާރާތްކުރާ ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ ކޮންޓްރެކްޓަރަކީ، ތުރުކީވިލާތުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، "ޓާރމެކްސް" އެވެ. ސަޕޯޓް ބިލްޑިންގއަކާއެކު ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތްތަކަށް ބަލާއިރު، ހޮސްޕިޓަލުގެ ސްޓްރަކްޗަރ އެތުރުމުގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ޚާއްޞަކޮށްގެން ހަދާ 6 ބުރީގެ ޢިމާރާތާއި، ސަޕޯޓް ބިލްޑިންގގެ ގޮތުގައި އެކޮމަޑޭޝަންގެ އިންތިޒާމްތަކަށް ޚާއްޞަކޮށްގެން ހަދާ 8 ބުރީގެ ޢިމާރާތުގައިވެސް ކުރަންޖެހޭ ހުރިހާ ކޮންކްރީޓް މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން 2 ޢިމާރާތުގެ ދޭތެރޭގައި އަޅަންޖެހޭ ފަޔަރ ފައިޓިންގ ހޮޅިތަކާއި، ޗިލަރ ހޮޅިތައް އެޅުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޓާރމެކްސް ކުންފުނީގެ ޓެކްނިކަލް އޮފިސަރ އިންޖިނިއަރިންގ މޭޓޭ ބިލްގިން ބުނީ، މިވަގުތު އެންމެ ބޮޑު އިސްކަމެއްދެނީ ހޮސްޕިޓަލް ޢިމާރާތުގެ ބޭރުގައި ފަސާޑު ޖެހުމާއި، އެތެރޭގައި ޕާޓިޝަން ޖެހުމުގެ މަސައްކަތްތަކަށް ކަމަށެވެ. އަދި ސަޕޯޓް ބިލްޑިންގގެ އިންޓީރިއާ މަސައްކަތްތަކަށް ބޭނުންވާ ސާމާނު މިހާރު ގެނެސްފައިވާކަމަށެވެ. މެކޭނިކަލް މަސައްކަތްތައް ނިމުނުހާ އަވަހަކަށް ސަޕޯޓް ބިލްޑިންގގެ އިންޓީރިއާ މަސައްކަތްތައްވެސް ފަށާނެކަމަށް މޭޓޭ ބުންޏެވެ. މީގެ އިތުރުން ބައެއް ޚިދުމަތްތަކަށް ބޭނުންވާ ގޭސް ސިލިންޑަރތައް ހަރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންކަމަށް މޭޓޭ ކިޔައިދިނެވެ.

img:http://s3.psmnews.mv/images/660x400/14690276405564.jpg|ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ޕީއެސްއެމް

ޓްރީ ޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، މިތަން ހިންގުމަށް ޙަވާލުކޮށްފައިވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ރެމްސޭ ސިމް ޑާރބީއާ" އެވެ. ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މިހާރު އަންނަނީ ހޮސްޕިޓަލް ހުޅުވުމުގެ ކުރިން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައްވަމުންނެވެ. އެގޮތުން ހޮސްޕިޓަލް މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަމުން އަންނަކަމަށާއި، މިކަމުގައި ދިވެހިންނަށް ޚާއްޞަ އިސްކަމެއް ދޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީއާއި އިކްވިއިޕްމަންޓް ހޯދައި، އެތަކެތި އިންސްޓޯލްކޮށް، 9 އަހަރު ދުވަހަށް މެއިންޓެނަންސް މަސައްކަތް ކުރުމަށް ފިލިޕްސް ކުންފުންޏާއެކު ވަނީ އެއްބަސްވެފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭނެ ބައެއް މުހިއްމު ޚިދުމަތްތަކަށް ބަލާއިރު، ސްޕެޝަލިސްޓުންގެ ޚިދުމަތް، އިމޭޖިންގ ސެންޓަރގެ ޚިދުމަތް، ޑަޔަލިސިސް ސެންޓަރގެ ޚިދުމަތް އަދި ލެބޯރަޓޮރީގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. އަދި ސުޕަރ ސްޕޭޝަލިޓީ ޚިދުމަތްތަކުގެ ގޮތުގައި ހިތުގެބަލީގެ އެކިކަހަލަ އޮޕަރޭޝަންތައް ކުރުމާއި، ކެންސަރު ބަލީގެ މީހުންނަށް ކީމޯތެރެޕީގެ ފަރުވާދިނުން ހިމެނެއެވެ.