ޚަބަރު

ބޫޓާންގެ އަމާންހިޔާއަކަށް ޖެންޑަރ މިނިސްޓަރ ޒިޔާރަތް ކުރައްވައިފި


ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކާއި ވަކި ޖިންސަކަށް ނިސްބަތްވީތީ އެކި ބާވަތުގެ އަނިޔާލިބޭ ފަރާތްތަކަށް ޙިމާޔަތްދިނުމަށް ބޫޓާންގެ ވެރިރަށް ތިމްޕޫގައި ޤާއިމްކޮށްފައިވާ އަމާންހިޔާއަކަށް ޖެންޑަރ މިނިސްޓަރ ޒިޔާރަތް ކުރައްވައިފިއެވެ. img:http://s4.psmnews.mv/images/660x400/14690266560317.jpg|ބޫޓާންގެ އަމާން ހިޔާއަކަށް ޖެންޑަރ މިނިސްޓަރ ޒިޔާރަތް ކުރެއްވުން - ފޮޓޯ: ޖެންޑަރ މިނިސްޓްރީ

ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީގެމި ޒިޔާރަތުގައި، މިދާއިރާއާ ގުޅޭގޮތުން ބޫޓާނުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ. އަދި އެތާގައި ޢަމަލުކުރާ 'ބެސްޓް ޕްރެކްޓިސް' ގެ އުޞޫލުތައް ދެނެގަތުމަށްޓަކައި، އަމާންހިޔާގެ ވެރިންނާއި މުވައްޒަފުންނާވެސް މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ބޫޓާންގެ އަމާން ހިޔާގައި ދިރިއުޅުއްވާ ފަރާތްތަކަށް އެކިއެކި ހުނަރާއި ތަމްރީން ލިބިދޭ ކްލާސްރޫމްތައް މިނިސްޓަރ ބައްލަވާލައްވައިފައިވާ ކަމަށާއި ހިޔާގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައިވާ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14690268496368.jpg|ބޫޓާންގެ އަމާން ހިޔާއަކަށް ޖެންޑަރ މިނިސްޓަރ ޒިޔާރަތް ކުރެއްވުން - ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މިނިސްޓަރ ޒެނީޝާ ޒިޔާރަތްކުރެއްވި އަމާންހިޔާއަކީ، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބޫޓާންގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "ރިނިއު" ގެ ފަރާތުން ހިންގާ ހިޔާވެއްސެކެވެ. މިނިސްޓަރ ބޫޓާންއަށް ކުރައްވާ މިދަތުރުފުޅަކީ، 2010 ވަނަ އަހަރު ސާކްގެ އެޕެކްސް ބޮޑީއެއްގެ ގޮތުގައި ޤާއިމްކުރެވުނު "ސައުތު އޭޝިއާ އިނީޝިއޭޓިވް ޓު އެންޑް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން" (ސައިވާކް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބޫޓާންގެ ވެރިރަށް ތިމްޕޫގައި 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ރީޖަނަލް ކޮންސަލްޓޭޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. img:http://s3.psmnews.mv/images/660x400/14690269881634.jpg|ޖެންޑަރ މިނިސްޓަރ ބޫޓާނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މި ރީޖަނަލް ކޮންސަންޓޭޝަންގެ މަޤްސަދަކީ، ސައިވާކް އާއި ސައުތު އޭޝިއާ ކޯޑިނޭޓިންގ ގްރޫޕް އޮން އެކްޝަން އަގެއިންސްޓް ވަޔަލަންސް އަގެއިންސްޓް ޗިލްޑްރަން (އެސްއޭސީޖީ) ގުޅިގެން، ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ ކަމާގުޅުންހުރި ފަރާތްތަކުގެ މެދުގައި، ސަސްޓެއިންނަބަލް ޑިވެލޮޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި ޙާސިލްކުރުމަށްޓަކައި ސަރަޙައްދީ ފެންވަރުގައި ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތައް ދެނެގަނެ މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.