ނޮޓިންހަމް ފޮރެސްޓުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އާއި އެ ކުލަބުގެ ވެރިޔާ އެވަންޖެލޯސް މަރިނާކިސްއާ ދެމެދު މައްސަލައެއް ނުޖެހޭ ކަމަށް އެ ކުލަބުން ބުނެފިއެވެ.
ނޮޓިންހަމް ފޮރެސްޓުން މިހެން ބުނެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ލެސްޓާ ސިޓީއާ ދެކޮޅަށް އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމަށްފަހު، މެޗުގެ ކުޅުން ރެފްރީ ނިންމާލުމާއެކު މަރިނާކިސް ދަނޑު މައްޗަށް އަރައި ކޯޗު ނޫނޯ އެސްޕިރީޓޯ އާއެކު ވާހަކަ ދައްކާ މަންޒަރު ފެނުމާއި ގުޅިގެން އެކަމާއި ގުޅޭ ގޮތުން މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ވާހަކަތަކާ ގުޅިގެންނެވެ.
ފޮރެސްޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަރިނާކިސް ހިތްހަމަނުޖެހުނީ އެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޓައިވޯ އަވޮނީޔީއަށް ލިބުނު އަނިޔާއާއެކު އޭނާ ބަދަލުނުކުރުމާ ގުޅިގެން ކަމަށެވެ. ނަމަވެސް ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާއެކު އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ފޮރެސްޓަށް ލިބިފައިވާ ފުރުސަތު ވަނީ ހަނިވެފައެވެ.
ފޮރެސްޓުން އިތުރަށް ބުނެފައިވަނީ މަރިނާކިސް އާއި ކޯޗާއި ދެމެދު ދެކެވުނު ވާހަކަތައް މީޑިޔާއިން އޮޅުވާލާފައިވާ ކަމަށާއި، އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި ކޯޗާއި މަރިނާކިސްއާ ދެމެދު އެއްވެސް މައްސަލައެއް ނުވަތަ ހިޔާލުތަފާތުވުމެއް ނެތް ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.
އަދި އެ މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުމަކީ ހަމައެކަނި ޓައިވޯއަށް ލިބުނު އަނިޔާ އާއެކު މެޑިކަލް ޓީމުން އޭނާ އަލުން ކުޅެން އެރުވުމަށް ނިންމުމާ ގުޅިގެންނެވެ. ޓައިވޯއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަނީ ސާޖަރީއެއް ހަދާފައެވެ.
މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ހޯދާފައިވާ ފޮރެސްޓުން އިތުރަށް ބުނެފައިވަނީ މެޗަށްފަހު މަރިނާކިސް ދަނޑު މައްޗަށް އަރާފައިވަނީ އޭނާ އެ ކްލަބުގެ އޮފިޝަލުންނާއި ކުޅުންތެރިންނަށް އޮތް ލޯބި ހާމަވަގެންދާ ކަމެއް ކަމަށާއި، އަދި އެ ކްލަބަށް ކާމިޔާބީ ހޯދަން ބޭނުންވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.
ނަމަވެސް ފުޓްބޯޅައިގެ ބައެއް ފަރާތްތަކުން ވަނީ މަރިނާކިސް ދަނޑު މައްޗަށް އެރުމާއި ގުޅިގެން އެކި ގޮތްގޮތަށް ވާހަކަ ދައްކާފައެވެ. އެގޮތުން އެއީ ޖޯކެއް ކަމަށާއި، ކްލަބެއްގެ ވެރިއަކު އެގޮތަށް ދަނޑު މައްޗަށް އަރާ ކޯޗާއި ވާހަކަ ދެއްކުމަކީ ރަގަޅު ކަމެއް ނޫން ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.