ކުޅިވަރު

ލުއިސް ޑިއާޒް ހުންނާނީ ލިވަޕޫލްގައި


ލިވަޕޫލްއަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ފޯވާޑް ލުއިޒް ޑިއާޒް އެ ކުލަބުގައި މަޑުކުރާނެ ކަމަށް ބުނެފިއެވެ. އޭނާ މިހެން ބުނީ ސްޕެއިނުގެ ބާސެލޯނާ އާއި ސައުދީ އަރަބިއާގެ ކުލަބުތަކުން ސޮއި ހޯދުމަށް މަސައްކަތް ފަށާފައިވަނިކޮށެވެ.

"އަހަރެން ފުރަތަމަ ދުވަހުން ފެށިގެން ބޭނުންވީ މި ކުލަބުގައި މަޑުކުރަން. އަހަރެން މިހާރު މިހުރީ އަމުދުން ވަރަށް އުފަލުން. އަހަރެން ބޭނުންވަނީ އިތުރު ކާމިޔާބީތައް ކުލަބާއެކު ހޯދަން. އަހަރެންނަށް ވިސްނާ ގޮތުގައި މިއީ ކުލަބު ބަދަލު ކުރަން ރަނގަޅު ވަގުތެއްނޫން،" ޑިއާޒް ބުންޏެވެ.

ވަރަށް ފޯމުގައި ހުރި ޑިއާޒް ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރަށެވެ. މިހެންވެ އަންނަ ސީޒަން ފެށުމުގެ ކުރިން އޭނާގެ ކުރިމަގާމެދު ގޮތެއް ނިންމުން ވަރަށް މުހިންމު ކަމަށް ލިވަޕޫލްއިންވެސް ދެކެއެވެ.

ޑިއާޒަކީ ބާސެލޯނާގެ ސަޕޯޓަރެކެވެ. އަދި ޑިއާޒްގެ ބައްޕަ ވަނީ އޭނާގެ ދަރިފުޅު ބާސެލޯނާގެ ޖާޒީގައި ކޮންމެވެސް ދުވަހަކުން ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް މީގެ ކުރިން ބުނެފައެވެ. މިހެންވެ ލިވަޕޫލްގެ އެއްބަސްވުން އައުކުރުމުގެ ވާހަކަތައް މި ސީޒަނުގެ ކުރީކޮޅު އޭނާ ވަނީ މަޑުޖައްސާލާފައެވެ.

ބައެއް މީޑިއާތަކުން ބުނަނީ ބާސެލޯނާއަށް ބަދަލުވުމުގެ ޚިޔާލު ޑިއާޒް ދޫކޮށްލީ ދެ ސަބަބަކާ ހުރެ ކަމަށެވެ. އެއީ ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން ކުޅުންތެރިން ރަޖިސްޓަރީކުރުމުގައި އަދިވެސް ދަތިތަކެއް ދިމާވެއްޖެނަމަ ކުޅުމުގެ ފުރުސަތު ނުލިބި ހިނގައިދާނެތީ ކަމަށެވެ. ދެވަނަ ކަމަކީ ބާސެލޯނާގައި ޑިއާޒް ކުޅޭ މަގާމަށް ކުޅެން ބްރެޒިލްގެ ރަފީނިއާ ހުރުމާއި، އެފަދަ އެހެން ކުޅުންތެރިއަކުވެސް ހޯދަން އެ ކުލަބުން މަސައްކަތް ކުރާތީވެ، ބާސެލޯނާގައި ފުރަތަމަ 11ގައި ކުޅެން ލިބޭ ފުރުސަތު މަދުވެދާނެ ކަމަށް ބެލުމަށްފަހު ކަމަށެވެ.