ކުޅިވަރު

ރޮމޭރޯ ގެންދިޔުމަށް ރެއާލް މެޑްރިޑުން މަސައްކަތްކުރަނީ


ޓޮޓްނަމް ހޮޓްސްޕަރއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ ގެންދިޔުމަށް ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފިއެވެ.

ތައްޓެއް ނުލިބި މި ސީޒަން ހުސް އަތާ ނިންމާލަން ޖެހިފައިވާ ރެއާލްއިން އަވަސް އަރުވާލައިގެން ޑިފެންޑަރަކު ހޯދަން މަސައްކަތް ކުރަނީ އަންނަ މަހު ފަށާ ފީފާ ކުލަބު ވޯލްޑް ކަޕުގެ ކުރިން ޑިފެންސް ވަރުގަދަ ކުރުމަށެވެ. އެ މުބާރާތާ ކުރިމަތިލާއިރު ރެއާލްގައި ފިޓްކޮށް ތިބޭނެ ކަމަށް ބެލެވެނީ އެންމެ ދެ ޑިފެންޑަރުންނެވެ.

ރޮމޭރޯ މިހާރު ވަނީ އަންނަ ސީޒަނުގައި ސްޕެއިންގެ ކުލަބަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފައެވެ. އުމުރުން 27 އަހަރުގެ ރޮމޭރޯ ޓޮޓްނަމްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރު އެވެ. ނަމަވެސް އަންނަ ސީޒަނުގައި ޓޮޓްނަމްއަށް ޔޫރަޕުގެ މުބާރާތްތަކުން ފުރުސަތު ނުލިބިދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އެކަމަށް އޮތް ހަމައެކަނި ފުރުސަތަކީވެސް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކުރުމެވެ.

ރޮމޭރޯ ސްޕެނިޝް ލީގުގައި ކުޅެން ބޭނުންވާއިރު، އޭނާއަށް ޝައުގުވެރިވަނީ އެ ގައުމުގެ ރެއާލް މެޑްރިޑުގެ އިތުރުން ވާދަވެރި އެތުލެޓިކޯ މެޑްރިޑެވެ. މީގެ ތެރެއިން ރެއާލްގެ ކޯޗުކަމާ ހަވާލުވާ ޒަބީ އަލޮންސޯ އަކީ ރޮމޭރޯގެ ސަޕޯޓަރެކެވެ. ނަމަވެސް ސްޕެއިނުގެ މީޑިއާތަކުން ބުނާ ގޮތުގައި ޓޮޓްނަމްއިން ތިބީ ރޮމޭރޯ ވިއްކާލާ ގޮތަކަށް ނޫނެވެ. އެކަމަކުވެސް ރެއާލް މެޑްރިޑް ފަދަ ބޮޑު ކުލަބަކުން ކުޅުންތެރިޔާ ގަތުމަށް އުޅެން ފެށުމުން ޓޮޓްނަމްއަށް މިކަމުގައި މާ ބާރުތަކެއް ނުދެއްކޭނެ ކަމަށް ގިނަ މީޑިއާތަކުން ދެކެއެވެ.

"ދެން ބާކީ އޮތީ އަހަރެން ކުޅެން ބޭނުންވާ ތަނަކަށް ސްޕޭން. އަހަރެން ވަރަށް ލޯބިކުރަން އެ ލީގުގައި ކުޅެން. އެއީ އަހަރެން މިހާތަނަށް އެ ލީގުގައި ނުކުޅޭތީވެ،" ރޮމޭރޯ ބުންޏެވެ.

މި ސީޒަނަކީ ރޮމޭރޯ ޓޮޓްނަމްއަށް ކުޅެދޭ ތިންވަނަ ސީޒަނެވެ. އޭނާ ޓޮޓްނަމްއަށް ބަދަލުވީ 2021 ވަނަ އަހަރު އިޓަލީގެ އެޓަލާންޓާއިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން ދާއިމީކުރީ މިދިޔަ ސީޒަނުގައެވެ.

ރޮމޭރޯ އަކީ ގާތްގާތުގައި އަނިޔާވުން ގިނަ ކުޅުންތެރިއެކެވެ. އެ ގޮތުން އާޖެންޓީނާގެ ގައުމީ ޓީމުގެ މުހިންމު މެޗުތަކެއްވެސް އޭނާއަށް ގެއްލުނީ އަނިޔާގެ ސަބަބުންނެވެ. އާޖެންޓީނާއަށް ދެ ފަހަރެއްގެ މަތިން ކޮޕާ އެމެރިކާ ކާމިޔާބުކޮށްދީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިފެންޑަރު ބުނީ މި ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ޓޮޓްނަމްއަށް އޮތް ނަމަވެސް، އެކަން ކުރެވޭނީ ވަރަށް މަސައްކަތުން ކަމަށެވެ. އަދި ޓީމު މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު ތައްޓެއް ހޯދޭނީ ވަރަށް ގިނަ ކަންކަން ބަދަލުވެގެން ކަމަށާއި، އެކަން ކުރުމަށްޓަކައި ކުޅުންތެރިންވެސް މިހާރަށްވުރެ ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.