ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ ލީގު ކަޕް 2025 ގައި މިރޭ ކުޅުނު މެޗުގައި 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުރި ހޯދައިފިއެވެ.
މި މެޗާ ކުރިމަތިލިއިރުވެސް މާޒިޔާއިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މަހިބަދޫއާ ދެކޮޅަށް ނެރުނު ސްކޮޑްގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް ހިމެނެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކޯޗު ލުއިސްމާ ހެނާންޑޭސް 19 އަހަރުން ދަށުގެ ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފިއިރު، މި މެޗުގެ އެ ކުޅުންތެރިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މާޒިޔާއިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގައި ހަސަން ރާއިފް އަޙްމަދު (ހަންނަ) އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން، މެޗުގެ 18 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ލަނޑުންނެވެ.
މާޒިޔާއިން ވަނީ އޭގެ 10 މިނިޓެ ފަހުން އަނެއްކާވެސް މަހިބަދޫގެ ގޯލަށް ނުރައްކާކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) ނެގި ހުރަހެއް، މަހިބަދޫ ގޯލްކީޕަރު އަބްދުﷲ ޔާމީން ދިފާއުކުރަން އުޅުމުގެ ތެރޭގައި ލިބުނު ބޯޅައަކުން ހަންނައެވެ.
މަހިބަދޫ ޓީމުން ޑިފެންސަށް ކުޅެމުންދިޔަ ނަމަވެސް މާޒިޔާ ހުއްޓުވޭގޮތް ނުވެ، އެ ޓީމުން ވަނީ 38 ވަނަ މިނިޓްގައި މެޗުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އައިހަމް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ދާދުއެވެ. އަދި މާޒިޔާގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ހަންނައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ މިނެޓެއްވެސް ނުވަނީސް ސެންޓޭ ވަނީ މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މާޒިޔާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެންއެރި ބަދަލު ކުޅުންތެރިޔާ އަބްދުﷲ ލޫތު އިބްރާހީމެވެ. އޭގެ ފަހުން މާޒިޔާއަށް ހަތްވަނަ ލަނޑު ޖަހައިދިނީ މުޅިން އަލަށް ސީނިއަރ ޓީމުގެ މެޗެއްގެ ތަޖުރިބާކުރި 19 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ޒީކް އަޙްމަދެވެ.
ދެ ހާފުގައިވެސް 19 އަހަރުން ދަށުގެ ކުޅުންތެރިންގެ ބޭނުން މާޒިޔާއިން ވަނީ ހިފާފައެވެ. މާޒިޔާއިން މި މެޗުގައި މަހިބަދޫ ކޮޅަށް ހަތް ލަނޑު ޖަހައި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ރިކޯޑުވެސް ވަނީ ދަމަހައްޓާފައެވެ. މިއާއެކު އެޓީމު ވަނީ ގުރޫޕު ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވެ ލީގު ބުރުގެ އެއްވަނަ ހޯދުމާ ގާތަށް ޖެހިލާފައެވެ.
ލީގު ކަޕުގައި މާޒިޔާ ދެން ކުޅޭ މެޗުގައި މި މަހުގެ 21 ވަނަ ދުވަހުގެ ހަވީރު ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ހަމަ އެރޭ މަހިބަދޫ ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއ ދެކޮޅަށެވެ.