އަލަށް އިސްލާމްވާ މީހުންނަށް ޒަކާތު ފަންޑުން ފައިސާ ދޫކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، އަލަށް އިސްލާމްވާ މީހުންނަށް ފައިސާގެ އެހީތެރިކަން ދެއްވަން ސަރުކާރުން ނިންމެވީ ފަހަކަށް އައިސް އިސްލާމްދީން ޤަބޫލުކުރާ ބިދޭސީންގެ އަދަދު އިތުރުވެފައިވާތީ، އެ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ދެންވުން މުހިންމުކަމަށް ސަރުކާރަށް ޤަބޫލުކުރެއްވޭތީކަމަށެވެ.
މިނިސްޓަރ ޒިޔާދު ވިދާޅުވީ، ފަހުގެ އަހަރުތަކުގައި އަހަރެއްގެ މައްޗަށް ތިރީސް ފަހަކާއި، ފަންސާހާ ދެމެދުގެ ޢަދަދެއްގެ މީހުން ރާއްޖޭގައި އަލަށް އިސްލާމްދީން ޤަބޫކުރާކަމަށެވެ. އެ ފަރާތްކަށްދޭ ފައިސާ ހަމަޖައްސާފައިވަނީ ޒަކާތުފަންޑުގެ ފީސަބީލިﷲ ބައިންކަމަށާއި، މީހަކަށް ދޭން ކަނޑައަޅުއްވާ މިންވަރު މުޅިން ނިންމެވުމުގެ ކަންކަންކުރިއަށް އެބަގެންދަވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަމާޒަކީ އޮގަސްޓަމަހުން ފެށިގެން އެ ފައިސާ ދޫކުރެއްވުން ކަމަށާއި، އޮގަސްޓްމަހު ފައިސާ ދޫކުރައްވަން ނުފެއްޓެވިއްޖެނަމަ، ސެޕްޓެމްބަރުމަހުން ފެށިގެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އަލަށް އިސްލާމްވާ މީހުންނާމެދު ޢަމަލުކުރަމުން އަންނަ އުޞޫލް މުރާޖަޢާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އަލަށް އިސްލާމްވާ މީހާގެ ދީނީ އަގީދާ ވަރުގަދަކުރުމަށް، އެ އުޞޫލުގެ ދަށުން، ހަފްތާއެއް ވަންދެން އެ މީހަކު އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން އިސްލާމްދީން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ އުޞޫލު މުރާޖަޢާކުރައްވައި، އަންނަ މަސް ނިމުމާއެކު ޢަމަލުކުރައްވަން ފެއްޓެވުމަށް ނިންމަވާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ. މިއީ އަލަށް އިސްލާމްވާ މީހުންނަށް ރާއްޖޭގައި ޒަކާތު ފަންޑުން ފައިސާ ދޫކުރައްވަން ފަށްޓަވާ ފުރަތަމަ ފަހަރުކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ. މި ފަދަ އެހީތެރިކަން ދިނުމަކީ، އިސްލާމީ ބައެއް ޤައުމުތަކުގައިވެސް ޢަމަލުކުރަމުން އަންނަ ގޮތެކެވެ. މިއީ އިސްލާމްދީން ބާރުއަޅާ ކަމެއްވެސްމެއެވެ.
ރާއްޖޭގައި މިކަމުގައި ޢަމަލުކުރައްވަނީ ބަޙުރައިންގައި މިކަން ކުރަމުން އަންނަ ގޮތާ ވަރަށް އެއްގޮތް ގޮތަކަށްކަން އިސްލާމިކް މިނިސްޓަރ ފާހަގަކުރައްވައެވެ.