ޚަބަރު

"ހޭންޑްބޯޅައިން މި އަހަރު އެންމެ ފުރަތަމަ ހޯދަން ބޭނުންވަނީ އައިއެޗްއެފް ޓްރޮފީ"


ބައިނަލްއަގުވާމީ ހޭންޑްބޯޅައިން މި އަހަރު ރާއްޖެއަށް އެންމެ ފުރަތަމަ ހޯދާނެ މެޑެއްޔަކަށް ވިސްނާފައި އޮތީ އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ އައިއެޗްއެފް ޓްރޮފީ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

މުޖޭ ވިދާޅުވީ މިދިޔަ އަހަރު ބްރޯންޒް މެޑަލް ހޯދިއްޖެ ކަމަށާއި، ދެން ބޭނުންވަނީ ސިލްވަރ މެޑަލް ކަމަށެވެ. އެ އަމާޒަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމުން ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށްދާކަމަށެވެ.

10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕްގައި ވާދަކުރި ޤައުމި ޓީމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މުޖޭ ވިދާޅުވީ މިވަގުތުވެސް 17 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ ޓީމުގެ ދެ ކޯޗުން މަސައްކަތް ކުރަމުން އަންނަނީ މެޑަލް ހޯދޭވަރަށް ޓީމުތައް ތައްޔާރުކުރުމަށް ކަމަށެވެ.

އަދި 17 އަހަރުން ދަށުގެ ޓީމު އަންނަނީ ކުރިޔަށް އޮތް އޭޝިއަން ޔޫތް ގޭމްސްއަށް ތައްޔާރުވަމުންކަމަށާއި، އެޓީމުގެ ތައްޔާރީތައް ބައްޓަންކޮށްފައިވަނީ އެ މުބާރާތުން ނަތީޖާއެއް ނެރުމުގައި އުންމީދުގައި ކަމަށްވެސް މުޖޭ ފާހަގަކުރެއްވިއެވެ.

ހޭންޑްބޯޅަ ކުޅޭނެ ދަނޑެއް ނެތުމުގެ ސަބަބުން ސަރުކާރުން ފުޓްސަލްދަނޑެއްގެ ޖާގައެއް ހަމަޖައްސާދީފައިވާ ކަމަށާއި، އެތަނުގައި ޕްރެކްޓިސްތައް ބާއްވަމުން އަންނަ ކަމަށްވެސް މުޖޭ ވިދާޅުވިއެވެ.

އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވުމުގެ ކަންކަން ހަމަޖެއްސުމާއި ޓީމަށް މިނިސްޓްރީ އޮފް ސްޕޯޓްސްއިން ދޭ އެއްބާރުލުން ފާހަގަ ކުރައްވާ މުޖޭ ވަނީ ކުޅީވަރު ވަޒީރު އަބުދﷲ ރާފިއު އާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

"މިކަންކަވެސް މިނިސްޓްރީން ވަނީ އެޕްރޫވްކޮށްދީފަ، ސާބިތުކަމާއެކު މި އަހަރަކީ ވަރަށް ކަމިޔާބު އަހަރަކަށް ހެދޭނެކަމަށް ދަންނަވަން ކެރޭ. ވޭތުވެދިޔަ އަހަރު ވަރަށް ނުތަނަވަސްކޮށް ދިޔައީ. މިއަހަރު ދާނި ވަަރަށް ބާރަށް. މި ވިސްނުމުގައި ކާމިޔާބީގެ އަހަރަކަށް ހެދުމަށް" ކަމަށް މުޖޭ ވިދާޅުވިއެވެ.