ކުޅިވަރު

ބޫޓާނާ އެއްވަރުކޮށް ރާއްޖެ ސެމީ ފައިނަލަށް


ބޫޓާންގެ ގައުމީ ޓީމާ އެއްވަރުކޮށް، 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.

މިއަދު ހަވީރު އިންޑިޔާގައި ކުޅުނު މެޗު ނިމުނީ ރާއްޖެ ލީޑް ނަގާފައިވަނިކޮށް އިތުރު ވަގުތުގައި ބޫޓާން ޖެހި ލަނޑުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެގްނެނެވެ. މި ނަތީޖާއާއެކު ރާއްޖެ ސެމީ ފައިނަލަށް ދިޔައީ ކުޅުނު ދެ މެޗު ވެސް އެއްވަރުވެގެން ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އެއްވަރުވީ ބަނގްލަދޭޝްއާ ވާދަކޮށް 2-2އިންނެވެ.

މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ 44 ވަނަ މިނިޓްގައި ލާމް ޓެންޒިން އެވެ. މި ގޯލަށް ފަހު އިތުރު ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ބޫޓާނަށް ނަތީޖާ ފުޅާ ނުކުރެވި އުޅެނިކޮށް ރާއްޖެ އަށް އެއްވަރުކޮށްދިނީ ވެލެންސިއާގެ ޒުވާން ފޯވަޑް އައިދު މުޙައްމަދު ޖަވީޒެވެ. އޭނާ 77 ވަނަ މިނިޓްގައި ޖެހި މި ގޯލަށް ފަހު ރާއްޖެ އިން ލީޑް ހޯދީ އިތުރު ވަގުތުގައި އަޝްހަމް އިބްރާހީމް މުޙައްމަދު ޖެހި ގޯލުންނެވެ. ނަމަވެސް މީގެ ދެ މިނިޓް ފަހުން ބޫޓާނުން ނަތީޖާ އެއްވަރުކުރި އެވެ.

މި ގްރޫޕުން އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ އަށް ދަތުރު ކުރީ ބަނގްލަދޭޝް އެވެ. އެއީ ރާއްޖެއާ އެއްވަރުކޮށް ބޫޓާން ބަލިކޮށް ހޯދި ހަތަރު ޕޮއިންޓާއެކުގަ އެވެ. ރާއްޖެ އަށް ދެ ޕޮއިންޓް އަދި ބޫޓާނަށް ލިބުނީ އެއް ޕޮއިންޓެވެ. ސެމީގައި ރާއްޖެ ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާ އެވެ. އެއީ ނޭޕާލް ނުވަތަ އިންޑިޔާއާ އެވެ. ގްރޫޕް އޭގެ އެއްވަނަ ޔަގީންވާނީ ނޭޕާލާއި އިންޑިޔާ ކުޅޭ މެޗު ނިމުމުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ. ފައިނަލް މެޗު ކުޅޭނީ އާދީއްތަ ދުވަހު އެވެ.