ޚަބަރު

ހއ.އުލިގަމަކީ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާ މިސާލެއް


ރާއްޖޭގެ ރައްޔިތުންނަކީ އެކުވެރިކަމާއި، އެކަކު އަނެކަކަށް އޯގާތެރިވުމުގައި ދުނިޔެއަށް މިސާލު ދައްކަމުންދާ ބައެކެވެ. ކާބަފައިންގެ ޒަމާނުއްސުރެއް މިއަދާ ހަމައަށްވެސް ބައެއް ދިވެހިންގެ މެދުގައި އެކަކު އަނެކަކަށް އަޅާލުމުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަގާފަތެއް ވަނީ އުފެދިފައެވެ. އެހެންނަމަވެސް ހިތާމައަކީ އިޙްތިރާމް ކުރުމާއި އެހީތެރިވުމުގައި ދިވެހިން ދައްކަމުންދިޔަ ނަމޫނާ، މިއަދުގެ މުޖުތަމަޢުން ފުހެވިގެންދާ މަންޒަރު ފެނިގެންދާތީއެވެ. ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުން، މިއާދަތައް މިއަދުވެސް ފެންނަމުންދެއެވެ. އެގޮތުން ހއ. އުލިގަމަކީ މިފަދަ ނަމޫނާ ރަށެކެވެ.

" ސިޔާސީގޮތުން ހިޔާލުތަފާވުމެއް ހުއްޓަސް، އެއްބަޔަކު އަނެއްބަޔަކާ ދެމެދު ރުޅިވެރިކަން ބާވައިގެން، އެހެނެއް ނޫޅޭނެ" އުލިގަމުގެ ރައްޔިތަކު ބުންޏެވެ.

މިރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން ފެނިގެންދާ އެއް ހަރަކާތަކީ، ކޮންމެ އަހަރަކު ކުރިޔަށްގެންދާ މަސްފިހުމުގެ ހަރަކާތެވެ. މަސްފިހުމުގެ ހަރަކާތަކީ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ގުޅުން ވަރުގަދަކުރުމުގެ ގޮތުން ރަށުގެ ރައްޔިތުން ޒަމާނުއްސުރެ ކުރިއަށްގެންދާ ހަރަކާތެކެވެ. img:http://s4.psmnews.mv/images/660x400/14690315851425.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

މަސްފިހުމުގެ ހަރަކާތުން ފާހަގަވެގެންދިޔަ އެއްކަމަކީ މިކަމަށް އެރަށުގެ ރައްޔިތުން ދެމުންގެންދިޔަ އެއްބާރުލުމެވެ. ވަކި އުމުރުފުރައަކަށް ބެލުމެއްނެތި، އެމީހަކަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދިޔައީ ޖޯޝާއި ފޯރީގައެވެ. ވަރުބަލިކަމެއް ނެތިއެވެ.

ގުރޫޕްތަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި މަސްފިހުމުގެ ހަރަކާތުގައި، އެބަޔަކަށް ޙަވާލުކުރެވުނު ކޮންމެ ކަމެއް ކޮށްފައިވަނީ ފުރިހަމަކޮށޭ ބުނެވިދާނެއެވެ. ޙަވާލުކޮށްފައިވާ މަސައްކަތްތައް ގަޑިޖެހުމުގެ މާކުރިން ނިންމާ ތައްޔާރުކޮށްފައި ބެހެއްޓުމަކީ މިކަމުގެ ހެއްކެކެވެ. img:http://s2.psmnews.mv/images/660x400/14690316311898.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

"އަހަރެމެން މަސްފިހުމުގެ ކަންތަކުގައި އުޅެނީ އަމިއްލަކަމެއްގެ ގޮތުގައި ދެކިގެން. ހުރިހާ އެންމެން އެއްބައިވެގެން، ގޭގެއިން ހޯދާލީ މިކަމަށް ބޭނުންވާ ތަކެތި، ވަކި ބަޖެޓެއް އޮވެގެންނެއް ނޫން" އުލިގަމުގެ މަސްފިހުމުގެ ހަރަކާތްތެރިވި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ. img:http://s1.psmnews.mv/images/660x400/14690316596236.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

މަސްފިހުމުގެ މިހަރަކާތަކީ މިރަށުގެ ޒުވާނުން އިސްނަގައިގެން، ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ރައްޔިތުނަށް ދިންކެއުމަކުން ފެށުނު ހަރަކާތެއް ކަމަށް މިރަށުގެ ބައެއް ރައްޔިތުން ބުނެއެވެއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މެދުގައި މަސްފިހުމުގެ މަސައްކަތް ފެށުނުގޮތާއި މެދު ޙިޔާލުތަފާތެެވެ. img:http://s4.psmnews.mv/images/660x400/14690316479200.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

"އެންމެ ފުރަތަމަ ނޫޑްލުސް ކޭހަކުންނޭ މިކަން ފެށިގެންއައީ އަކީ އަޅުގަނޑުމެންނަށް އަސްލު ނޭނގޭ އެހާ ރަނގަޅަކަށް ފެށިގެންއައިގޮތާއި ބެހޭ ގޮތުން މަޢުލޫމާތުދޭކަަށް." އުލިގަމުގެ ރައްޔިތަކު ބުންޏެވެ.

ކޮންމެ އަހަރެއްގެ ހަރޯދައަށްފަހު މިރަށުގައި ކުރިޔަށްގެންދާ މަސްފިހުމުގެ ހަރަކާތުގައި ރަށުގެ ކުދި ބޮޑު އެންމެން ޖޯޝާއި ފޯރީގައި ދިޔައީ ބައިވެރިވަމުންނެވެ. އެގޮތުން ގުރޫޕްތަކަކަށް ބަހާލައިގެން އެ ގުރޫޕަކަށް ޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެންނެވެ. img:http://s2.psmnews.mv/images/660x400/14690316153255.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

ފިރިހެނުން ދޯނީގައި ފުރައިގެން މަސްހޯދަން ދިއުމުން، ރަށުގައި ތިބި އަންހެން ވެރިން، ދޯނިތައް މަހުން ލަފައިގެން އަންނަންވާއިރަށް، ފަންޏާއި ހެދިކާގެ ބާވަތްތައް ތައްޔާރު ކުރަމުން ގެންދިޔައެވެ. ހެދިކާގެ ބާވަތްތައް ތައްޔާރު ކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދިޔައީ ހުރިހާ އަންހެނުން އެތަނަކަށް އެއްވެ، ޖޯޝާއެކީގައެވެ.

"އަޅުގަނޑުމެން މިކުރަމުން މިގެންދަނީއަކީ މަސްވެރިން މަހުން ލަފައިގެން އަންނައިރު އެވެރިން ލަފާތަނަށް ސާގުފަންޏާއި ބޮޑު ބިހާ ހިފައިގެން ދިއުމުގެ މަސައްކަތް" ތަކެތި ތައްޔާރުކުރަމުން ގެންދިޔަ އަންހެނަކު ބުންޏެވެ. img:http://s1.psmnews.mv/images/660x400/14690316010659.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

އަންހެންންގެ އިތުރުން ފިރިހެނުންވެސް މަސްފިހުމުގައި މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ. އެގޮތުން މަސްފިހުމަށްޓަކައި ބޭނުންވާ ތަން ތައްޔާރުކުރުމާއި މަސްފިހަން ބޭނުންކުރާ ފައްޗާއި އަދި އެނޫންވެސް މިކަމަށް ބޭނުންވާ ކަންތައްތައް ކުރުމުގައި ފިރިހެންވެރިންގެ ކިބައިން ފެނިގެންދިއައީ އާދަޔާ ޙިލާފް ޖޯޝެކެވެ. މަސްފިހުމުގެ ހަރަކާތް ކުރިޔަށް ގެންދާ ގޮތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އުލިގަމު ކައުންސިލްގެ ރައީސް އިމާދު އަބުދުﷲ ވިދާޅުވީ މިހަރަކާތަކީ ރައްޔިތުންގެ އެއްބައިވަންތަކަމާއި، އެކުވެރިކަން ދައްކުވައިދިނުމާއި އެކުވެރިކަން ބަދަހިކޮށް އާލާކުރުމަށް ކުރިޔަށްގެންދާ ހަރަކާތެއް ކަމަށެވެ. img:http://s4.psmnews.mv/images/660x400/14690317006503.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

"އިޖުތިމާއި ރޫޙު އެކަކު އަނެކެއްގެ މެދުގައި ބަދަހިކުރުމަށްޓަކައި ހިންގާ ހަރަކާތެއް މިއީ. އަދި މި ހަރަކާތުން ފެނިގެންދާ މަންޒަރުތަކަކީ ބަލާލަން ފަސޭހަ އަޅުގަނޑުމެން ދެކެންބޭނުންވާ ކަމެއް" އިމާދު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14690316879964.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

ހއ. އުލިގަމުގައި ކުރިޔަށްގެންދިޔަ މަސް ފިހުމުގެ ހަރަކާތުގައި ވަނީ 519 މަސްފިހެފައެވެ. މިއީ މިރަށުގެ އާބާދީއާއި އެއްވަރުގެ އަދަދެއްކަން ފާހަގަކޮށްލަންޖެހެއެވެ. މަސްތައް ފިހުމަށްޓަކައި، ބޭނުންވާ އަށީގެ ދިގުމިނުގައި 100 ފޫޓު ހުއްޓެވެ. img:http://s3.psmnews.mv/images/660x400/14690316748855.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

މަސްފިހުމުގެ ހަރަކާތާ ގުޅޭގޮތުން ރަށު ރައްޔިތުންނާއި ވާހަކަަދައްކާލުމުން އެމީހުން ބުނީ، މިފަދަ ހަރަކާތެއް ބޭވުމަކީ ގުޅުން ބަދަހިވެ އެކުވެރިކަން އާލާވާ ކަމެއް ކަމަށެވެ. އަދި މިފަދަ ހަރަކާތް ގިނައިން ބޭވުމަކީ މިރަށުގެ ރައްޔިތުންގެ އުއްމީދެއް ކަމަށް އުލިގަމު ރައްޔިތުން ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14690317130619.jpg|ހއ.އުލިގަމު ރައްޔިތުން މަސްފިހުމުގެ ހަރަކާތުގައި - ފޮޓޯ: ޕީއެސްއެމް ނިއުސް

އުލިގަމު ރައްޔިތުން މިދެއްކި ނަމޫނާ، ރާއްޖޭގެ އެހެން ރައްޔިތުން ބަލައިގަނެ، އެކުވެރިކަމާއިއެކު އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަކީ ރަށުގެ ތަރައްޤީއާއި ހަމަޖެހުމަށް ލިބިގެންދާނެ ކަމެކެވެ.