ޚަބަރު

ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025: ކުއާޓަރ ފައިނަލުން ރާއްޖެ ބަލިވެއްޖެ


ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމުން ވާދަކުރަމުން އަންނަ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތް، 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއާ ޗެމްޕިއަންޝިޕް 2025ގެ ކުއާޓަރ ފައިނަލްގައި އީރާން އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އޮމާންގެ މަސްކަޓްގައި ކުރިޔަށްދާ މި މުބާރާތުގެ ގަދަ އަށެއްގައި ރާއްޖެ ހިމެނި ކުއާޓަރ ފައިނަލްގައި ރާއްޖެއިން އީރާނާއި ދެކޮޅަށް ރޭ ނުކުތް މެޗު އީރާނުން ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މި ދެ ގޭމް އީރާނުން ގެންދިޔައީ 8-14 އަދި 15-32 އިންނެވެ.

މެއި 6-15 އަށް އޮމާންގެ ސުލްތާން ޤަބޫސް ކޮމްޕްލެކްސްގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ އޮމާން، ސައުދީ އަރަބިއްޔާ، ހޮންކޮންގ އާއި އެކު ގުރޫޕް އޭގައެވެ. މި ގުރޫޕުގެ އެއްވަނަ ހޯދީ ސައުދީ އަރަބިއްޔާ ބަލިކުރުމަށްފަހު އޮމާން އެވެ. މި މުބާރާތުގައި ދެން ވާދަކުރާ ގައުމުތަކަކީ ގުރޫޕްބީގައި ހިމެނޭ އީރާން، ފިލިޕީންސް، ޖޯޑަން، ޕާކިސްތާން އަދި އިންޑިއާއެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތީ އީރާންއެވެ.

މި މުބާރާތަކީ ރާއްޖެއިން މުޅިން އަލަށް ބައިވެރިވާ މުބާރާތެކެވެ. މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ކުޅުދުއްފުށީ ސިޓީގެ ކުޅުންތެރިންނެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެހީތެރިކަމާ އެއްބާރުލުމާއެކު މި މުބާރާތްތަށް ޤައުމީ ޓީމު ދުރާލާ ތައްޔާރުވަމުންދިޔައީވެސް ކުޅުދުއްފުށީގައެވެ. ޤައުމީ ޓީމަށް އިރުޝާދު ދީ މި މުބާރާތަށް ކުޅުންތެރިން ތައްޔާރުކޮށްދިނީ ޕާކިސްތާނުގެ ތަޖްރިބާކާރު ކޯޗު އާސިމް ރަޝީދެވެ.

މި މުބާރާތުގެ ކުއާރޓަރ ފައިނަލު މެޗުތައް ރޭ ނިމިފައިވާއިރު މިރޭ ކުޅޭ ސެމީ ފައިނަލު މެޗުތަކުން މޮޅޫވާ ދެ ޓީމާއެކު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ގައެވެ.

މި މުބާރާތުގެ ކުއާޓާރ ފައިނަލާއި ހަމައިން ރާއްޖެ ކެޓިނަމަވެސް މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި މުޅިން އަލަށް ވާދަކޮށް ކުޅުންތެރިން ހޯދި ވަރަށް ރަނގަޅު ތަޖްރިބާއެކެވެ. އަދި މުބާރާތުގެ ގަދަ އަށެއްގައި ހިމެނުމަކީ ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެކެވެ.