ގަސްތަކުގައި އަޅާ ކޫޑިތަކުގެ މައްސަލަ ހައްލުކުރަން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ދިރާސާތައް ކުރަމުންދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަހާ" ފޯރަމްގައި އާއްމުންގެ ފަރާތުން ކުރި ސުވާލެއްގައި ވަނީ ދަނޑުވެރިކަން ކުރުމުގައި ބައިވަރު ގޮންޖެހުންތައް ހުރި ކަމަށާއި، އޭގެތެރެއިން އެއް ކަމަކީ ކޫޑި އެޅުންކަން ފާހަގަކޮށް، މިކަމަށް އޮތް ހައްލާގުޅޭގޮތުން ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކޫޑިތަކުގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ދަނީ ކުރަމުންކަމަށެވެ. އެގޮތުން ޗައިނާގެ އެގްރިކަލްޗަރަލް ސެންޓަރަކުން ގަސްތަކަށް ޖަހާ ބޭސްތަކެއް ލިބިފައި ހުރި ކަމަށާއި، މިތަކެތި ވަރަށް އަވަހަށް ރަށްރަށަށް ފޯރުކޮށްދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކޫޑިތަކުގެ މައްސަލަ ހައްލުކުރުމަށް ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރުގައި ދިރާސާތައް ކުރަމުންދާކަމަށާއި ހޭލުންތެރިކަން އިތުރުކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިނިސްޓްރީގައި އެބަހުރި ލީފްލެޓްސް، އިންފޮމޭޝަން ހިއްސާ ކުރެވޭނެ. އެކި އަތޮޅުތަކުން އެކި ރަށްރަށުން މަޢުލޫމާތު ބޭނުން ފުޅުވެގެން ވަރަށް ގިނައިން އީމެއިލް އާދޭ. އަޅުގަނޑުމެން މިދަނީ ލީފްލެޓްސްތައް ހިއްސާ ކުރަމުން. އަދި އަޅުގަނޑުމެންގެ ސޯޝަލް މީޑިއާތަކުން، ޓިކްޓޮކް، އެކްސް އަދި ފޭސްބުކްއިން ވެސް މިދަނީ މައުލޫމާތު ހިއްސާ ކުރަމުން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަށެވެ. އަދި ވުޒާރާއިން މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ އެހެން ޤައުމުތަކުގައި މަސައްކަތް ކުރާ އުސޫލުން، ސްމާޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމާއި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމު ކުރުމަށްކަމަށެވެ.
އެގޮތުން މެޕް ޕްރޮޖެކްޓްގެ ޒަރީއާއިން ހދ، ހއ އަދި ށ އަތޮޅުގައި ޕްރޮޖެކްޓްތަކެއް ހިންގަމުންދާ ކަމަށާއި، މި ޕްރޮގްރާމްތަކުގައި މި ދަނޑުވެރިންނަށް ސޮއިލް ޓެކްނޮލޮޖީ އަދި ގަސް ބަލަހައްޓާ، މާކެޓް ކުރުމާއި ގުޅޭ ކަންތައްތައް ދަސްކޮށްދެމުންދާ ކަމަށް ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.