ވިޔަފާރި

މޯލްޑިވިއަންއިން ލަގްޒަރީ ސީ ޕްލޭންގެ ޙިދުމަތް ފަށައިފި


އެއަރކޮންޑިޝަން ކޮށްފައި ހުންނަ ލަގްޒަރީ ސީ ޕްލޭންގެ ޙިދުމަތް ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ފަށައިފިއެވެ.

ލަގްޒަރީ ސީ ޕްލޭންގެ ޙިދުމަތް ދޭން ފެށުން ފާހަގަކޮށް މިއަދު ވަނީ ނޫސްވެރިންނަށް މޯލްޑިވިއަންގެ ލަގްޒަރީ ސީ ޕްލޭން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ދީފައެވެ.

img:http://s3.psmnews.mv/images/660x400/14690133894148.jpg|މޯލްޑިވިއަންގެ ސީޕްލޭނެއް- ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަންއިން އަންނަނީ އެކުންފުނީގެ ސީ ޕްލޭން އޮޕަރޭޝަންތައް ފުޅާކުރުމަށްޓަކައި އެކުންފުނީގެ ސީ ޕްލޭންތަކުގެ އަދަދު އިތުރުކުރަމުންނެވެ. އެގޮތުން ދާދި ފަހުން ގެނެސްފައިވާ ދެ ސީޕްލޭންގެ ތެރެއިން އެއް ސީ ޕްލޭނަކީ މަތީ ފެންވަރުގެ ޙިދުމަތްދޭ، ނުވަތަ ލަގްޒަރީ ސީ ޕްލޭނެކެވެ. އަދި މިހާރު މޯލްޑިވިއަނުން ވަނީ މި ލަގްޒަރީ ސީ ޕްލޭންގައި ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

8 ސީޓުގެ މި ސީޕްލޭންއާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް ޢަލީ ނަޝާތު ވިދާޅުވީ އެ ކުންފުނީގެ ސީ ޕްލޭން ފްލީޓަށް އަލަށް ތަޢާރަފްކޮށްފައިވާ ލަގްޒަރީ ސީ ޕްލޭން އެއަރކޮންޑިޝަންކޮށްފައި ހުރުމުގެ އިތުރުން ސީ ޕްލޭންގައި ކެޓަރިންގެ ޚިދުމަތް ދޭނެ ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14690134258981.jpg|މޯލްޑިވިއަންގެ ސީޕްލޭނެއްގެ އެތެރެ- ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަން ސީ ޕްލޭން އޮޕަރޭޝަންތަކާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެކުންފުނީގެ ސީ ޕްލޭން މެނޭޖަރ، ކޮމަރޝަލް، ޝީރާޒް ރަޝީދް ވިދާޅުވީ މިހާރު މޯލްޑިވިއަނުން ދަތުރުކުރަނީ 7 މަންޒިލަށް ކަމަށްވިޔަސް މިއަހަރު ނިމޭއިރު މޯލްޑިވިއަން ސީ ޕްލޭންގެ ދަތުރުތައް ކުރާ މަންޒިލްތަކުގެ އަދަދު 10 އަކަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާރު އެކުންފުނީގައި 8 ސީ ޕްލޭން އޮތް އިރު، ނޮވެމްބަރުމަހުގެ ތެރޭގައި އެކުންފުނީގެ ސީ ޕްލޭން ޕްލީޓު 10 އަކަށް އިތުރުވެގެންދާނެ ކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.