ޚަބަރު

ސަރުކާރުން އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަންނަން: ވަޒީރު އިޙްސާން


  • މުޅި މައްސަލައަށް ވަށައިޖެހޭ ހައްލެއް ލިބޭނީ ވިއުގަތަކުގެ ވެރިން އަތުލައިގަނެވިގެންކަމަށް ވިދާޅުވި

  • މިދިޔަ 18 މަސް ދުވަހު 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައި

ކުރީ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުގެ ވެރިން އަތުލައިގަތުމަކަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އޮފީހާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މަސްތުވާތަކެތި ބޭނުންކުރާ މީހާއަށް އެތަކެތި ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގާފައި އެބަހުރި ކަމަށެވެ. އޭގެ ސަބަބުންވެސް އަސްލު މަސްތުވާތަކެތި ސަޕްލައިކޮށްދޭ މީހާ އަތުލައިނުގަނެވޭ ކަމަށާއި މުޅި މައްސަލައަށް ވަށައިޖެހޭ ހައްލެއް ނުލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މިހާރު ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތެރެކުރުމުގެ އެންމެ އުހުގައި ހުންނަ މީހާއަށް އަމާޒުކޮށް އޮޕަރޭޝަންތައް ހިންގައި، އެމީހުން އަތުލައިގަތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ ވެރިންނަށް އަމާޒުކޮށްގެން ޕައިލެޓް އޮޕަރޭޝަނެއް ހިންގާފައިވަނީ ފުވައްމުލަކުގައި. މި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑު 2 މީހުން ވަނީ ހައްޔަރުކޮށްފައި" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވިއުގަތަކުގެ ވެރިންނަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތަކާ އެކު މިއަހަރުގެ ތެރޭގައިވެސް ބޮޑު ކާމިޔާބެއް ލިބޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހުތަކާއެކުވެސް މަސްތުވާތަކެތީގެ މައްސަލައަށް ބޮޑު ހައްލެއް މި ދައުުރުގެ ތެރޭގައި ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިދިޔަ 18 މަސް ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއެކު މަސްތުވާތަކެތި އަތުލައިގަނެފައިވާ ބައެއް ތަފާސްހިސާބުތައްވެސް ވަޒީރު ޙިއްސާކުރެއްވިއެވެ. އެ ގޮތުން މި މުއްދަތުގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި އެއީ މަގުމަތީ އަގުން 1.4 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަތޮޅުތެރެއަށް ބަނގުރާ އެތެރެވުން ހުއްޓުވުމަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން 9000 އަށްވުރެ ގިނަ ރާ ފުޅި އަތުލައިގަނެފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ވައިގެ ބަނދަރުތަކާއި ޕޯސްޓްގެ ޒަރިއްޔާއިން އެތެރެވާ ޕެކޭޖުތައް ބަލައި ފާސްކުރުމަށްވެސް ސަރުކާރުން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ފަށްޓަވާފައެވެ. މީގެ އިތުރުން ކަނޑު މަގުން އެތެރެވާ މަސްތުވާތަކެތި އަތުލައިގަތުމަށް ކޮންޓެއިނަރ ސްކޭނަރެއް ގެނައުމަށް މަސައްކަތްކުރައްވަމުންގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.