ގދ. ނަޑެއްލާއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގދ. ނަޑައްލާއިން ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އާދަމް އިބްރާހިމްކަމަށެވެ. އެމީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހުގެ 14:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި “އިތުބާރު” ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީއާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:25 އެހާކަންހާއިރުކަމަށެވެ.
މި މަޢުލޫމާތު ލިބުމާއެކު ރޭގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް ނަޑެއްލާއަށް ގޮސް، ރަށުތެރެއާއި އެރަށް ކައިރީގައިވާ ފަޅު ރަށްތައް ބަލާފައިވެއެވެ. އަދި މިއަދުވެސް އޭނާ ހޯދުމަށްޓަކައި މަސައްކަތްދަނީ ކުރަމުންނެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.