މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނުގެ ގޮތުގައި 157 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ މާރިޗް މަހުގައެވެ. މި ފަހަރު ހުޅުވާލީ 500 ފުރުޞަތެވެ. މިދިޔަ މަހަށް މުއްދަތު ހަމަވިއިރު، ސްޓޫޑެންޓް ލޯނަށް އެދި 1338 އެޕްލިކޭޝަން ލިބިފައިވެއެވެ. މީގެ ތެރޭގައި ސްޓޫޑެންޓް ލޯނަށް އެދި މުޅިން އަލަށް ހުށަހެޅި 913 އެޕްލިކޭޝަން ހިމެނެއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުގެ މިހާތަނަށް 157 ކުދިންނަށް ލޯން ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 94 އަންހެން ކުދިންނާއި 63 ފިރިހެން ކުދިންނެވެ. އަދި ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1،653 ކުދިން މިހާރު ކިޔަވަމުންދާ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. އޭގެ ތެރޭގައި 967 އަންހެން ކުދިންނާއި 686 ފިރިހެން ކުދިން ހިމެނެއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިހާރު ލޯނު ދޫކޮށްފައިވާ ފަރާތްތަކަށް ލޯނު ދިނުމަށް 157 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
ސްޓޫޑެންޓް ލޯނު ސްކީމަށް ހުޅުވާލިއިރު، ކުރީ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްފައިވެއެވެ. އަދި މިހާރު ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ނިންމާފައިވާއިރު ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.
މި އަހަރުގެ ލޯނު ސްކީމުގައި އިސްކަން ދެނީ ހައިލީ ޓެކްނިކަލް ދާއިރާތަކުގެ ލިސްޓުގައި ހިމެނޭ ދާއިރާތަކަށް އެދޭ ފަރާތްތަކަށެވެ. އަދި މި ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރުމަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކަށް ލޯނަށް ހޮވުމުގެ މަރުޙަލާގައި އިތުރު 10 ޕޮއިންޓް ދިނުމަށް ވަނީ ނިންމަވާފައެވެ.
މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ. އަދި މި އަހަރުގެ ފެބުރުއަރީގެ ނިޔަލަށް 71 މިލިޔަން ރުފިޔާވެސް ދޫކޮށްފައިވެއެވެ.