ޚަބަރު

ކޭން އާއި އޮލިސޭގެ ލަނޑުން މޮޅުވެ ބަޔާން މިއުނިކުން ޓްރޮފީ އުފުލާލައިފި


ޖަރުމަން ލީގުގައި ރޭ ބޮރޫޝިއާ މޮންޗެންގްލެޑްބަކާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބަޔާން މިއުނިކުން ލީގުގެ ޓްރޮފީ އުފުލާލައިފިއެވެ.

މި މެޗަށް ނިކުތްއިރުވެސް ބަޔާން މިއުނިކަށް ވަނީ ޗެމްޕިއަންކަން ކަށަވަރުވެފައެވެ. އަދި ލީގުގައި ބާކީ އެއް މެޗު ކުޅެން އޮތްއިރު މިއުނިކްގެ އެލިއަންޒް އެރީނާގައި ބަޔާން މިއުނިކް ކުޅޭނެ ފަހު މެޗަކީ މި މެޗަށްވުމުން ލީގު ޓްރޮފީ ވަނީ މި މެޗަށްފަހު އެ ޓީމަށް ދީފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 31 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ބަޔާން މިއުނިކަށް ކުރި ހޯދަދީފަ އެވެ. މިއީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި 25 ވަނަ ލަނޑެވެ.

މި ސީޒަނުގައި ހެރީ ކޭންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިއީ އޭނާއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތަށްޓެވެ. އަދި ބަޔާން މިއުނިކާއިއެކު އޭނާ ހޭދަކުރި ދެ ސީޒަނުގައި ކޭން ވަނީ އެ ޓީމަށް ޖުމްލަ 61 ލަނޑު ޖަހައިދީފަ އެވެ.

އަނިޔާގެ ސަބަބުން ދެ މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާ ވަނީ މި މެޗުގައި ކުޅެފައެވެ.

އަދި މި ސީޒަނަށްފަހު ބަޔާން މިއުނިކް ދޫކޮށްލާނެކަން އިއުލާން ކޮށްފައިވާ ފޯވަޑް ތޯމަސް މުލާ ވަނީ މި މެޗުގައި ކުޅެ ބަޔާން މިއުނިކަށް އޭނާ ކުޅެދިން މެޗުގެ އަދަދު 750 އަށް އަރުވާފައެވެ. މެޗުގެ 84 ވަނަ މިނިޓުގައި މުލާ ބަދަލުކުރުމާއިއެކު ޓީމުގެ ކުޅުންތެރިން ވަނީ އޭނާއަށް ދަނޑު މަތީގައި ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

މި މެޗުގައި ބަޔާން މިއުނިކުން ޖެހި ދެވަނަ ލަނޑު މެޗުގެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފްރާންސްގެ މައިކަލް އޮލިސޭއެވެ.