ޚަބަރު

ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރާއްޖެއިން ބައިވެރިވާނީ ރިފްއަތު


ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރާއްޖެ ތަމްސީލުކުރާނީ އާދަމް ރިފްއަތު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މި އިވެންޓްގައި ރާއްޖޭ ތަމްސީލުކުރުމުގެ ފުރުސަތު ރިފްއަތަށް ލިބިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. ރިފްއަތަކީ ރާއްޖެ އާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާ ބާރު ދުވުންތެރިއެކެވެ. އޭނާ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަޖީ) ގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.

ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީީޓިންގެ ނަމުގައި ކުރިއަށްގެންދާ ބައްދަލުވުމަކީ ޗައިނާއިން މީގެ ދެ އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ކުޅިވަރު އިވެންޓުތަކުގެ ތެރެއިން އެކި ގައުމުތަކުގެ ސަގާފީ ކަންކަން ޕްރޮމޯޓުކޮށް، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަގުވާމީ ދޭދޭ ގުޅުންތައް އިތުރުކުރުމެވެ.

އެކި ގައުމުތަކުގެ އެތުލީޓުން ޗައިނާއަށް އައިސް ބާއްވާ މި ބައްދަލުވުމުގެ އަނެއް ބޭނުމަކީ އިގުތިސާދީ އަދި ސަގާފީ ގުޅުންތަކުގެ މައްޗަށް އަމާޒުކޮށްގެން، ބައިނަލްއަގުވާމީ ވަސީލަތްތައް ބިނާކުރުމުގައި ގައުމުތައް ގުޅިގެން މަސައްކަތްކުރުމެވެ.

އެންމެ ފަހުން ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް ބައްދަލުވުން ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޗޮންގޗިންގެ ޗަންޝުއާ ޑިސްޓްރިކްޓްގެ ސްޕޯޓްސް ސެންޓަރުގައި މޭ 14 އިން 16 އަށް ބާއްވާ 3 ވަނަ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އެތުލެޓިކްސް ބައްދަލުވުމުގައި 24 ޤައުމަކުން ބައިނަލްއަގްވާމީ 75 އެތުލީޓުންނާއެކު ޖުމްލަ 1200 އެތުލީޓުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ އިތުރުން ޖެމެއިކާ، އަލްޖީރިއާ، ސައުތު އެފްރިކާ، ބެލްޖިއަމް، ސްރީލަންކާ، ޕާކިސްތާނު އަދި ތައިލޭންޑާއި، ހޮންކޮން އަދި މަކާއޯގެ އެތުލީޓުންގެސް މި ބައްދަލުވުމުގައި ބައިވެރިވާނެއެވެ.