އޭސީ މިލާނުގެ ފޯވާޑް ރަފައެލް ލެއާއޯ ވިއްކާނީ 75 މިލިއަން ޔޫރޯއަށް ކަމަށް އެ ކުލަބުން ނިންމައިފިއެވެ. މިއާއެކު އޭނާ ގަތުމަށް އިނގިރޭސި ކުލަބު ޗެލްސީ އާއި ސްޕެއިންގެ ބާސެލޯނާއިން ވަނީ ކިޔޫ ހަދާފައެވެ.
ބާސެލޯނާއިން ބޭނުންވަނީ އަންނަ ސީޒަނަށް އެ ޓީމު ވާތް ފަރާތު އަރިމަތިން ކުރިއަށް ކުޅޭނެ އިތުރު ކުޅުންތެރިއަކު ހޯދާށެވެ. އެ ގޮތުން އެ ޓީމުން އެންމެ ފުރަތަމަ ބެލީ ލިވަޕޫލްއަށް ކުޅެމުން އަންނަ ކޮލަމްބިއާގެ ލުއިޒް ޑިއާޒް ގަތުމަށެވެ. ނަމަވެސް އޭނާ ވަނީ ލިވަޕޫލްގައި މަޑުކުރަން ނިންމާފައެވެ.
ދެން ހުރީ ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯއަށް ކުޅޭ ނިކޯ ވިލިއަމްސްއެވެ. މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާއިން އެންމެ ބޮޑަށް ގަންނަން މަސައްކަތް ކުރި ކުޅުންތެރިޔާގެ ފަހަތުން އިނގިރޭސިވިލާތުގެ އާސެނަލްވެސް ވަނީ ވިއްދާފައެވެ.
ލެއާއޯ އަކީ ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ. އެކަމަކު އޭނާ ގަތުމަށް ބާސެލޯނާއިން އެންމެ ފުރަތަމަ ކުޅުންތެރިންތަކެއް ވިއްކާލަން ޖެހޭނެއެވެ.
ޗެލްސީވެސް ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޮޑު ހޭދައެއްކުރަން ތައްޔާރުވަމުންނެވެ.
މިހެންވެ ލެއާއޯ ހޯދުމުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް އިޓަލީގެ މީޑިއާތަކުން މިހާރުވެސް ވަނީ ބުނަން ފަށާފައެވެ. އިޓަލީގެ އެންމެ މުއްސަނދި ކުލަބުތަކަށްވެސް 75 މިލިޔަން ޔޫރޯ ޚަރަދެއް ނުކުރެވޭނެއެވެ. މިހެންވެ ލެއާއޯ އިޓަލީގެ ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު ކުޑައެވެ.