އިންޑިޔާގައި ބޭއްވި ބައިނަލްއަޤުވާމީ މުބާރާތެއްކަމަށްވާ ބެޓަލް އޮފް ދި ބޭންޑްސް އިންޓަރނޭޝަނަލްގެ މުބާރާތުން ރާއްޖޭގެ "ޓޫ އޮފް އަސް" ބޭންޑަށް ލިބުނު ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް އޮލިމްޕަހުގައި ޝޯއެއް ބޭއްވުމަށް ނިންމާފައިވާކަން އެބޭންޑުން ހާމަކޮށްފިއެވެ.
"ޓޫ އޮފް އަސް" ބޭންޑުން ބުނީ މާލޭގައި ފުރަތަމަ ފަހަރަށް އެ ބޭންޑުން ކުޅޭ މި ޝޯއަކީ ބައިނަލްއަޤުވާމީ މިމުބާރާތަށް ކުރި ދަތުރުގައި ހިތްވަރުދީ، ސަޕޯޓުކުރި އެންމެހާ ދިވެހި ރައްޔިތުންނަށް ބާއްވާ ޝޯއެއްކަމަށެވެ.
ޓޫ އޮފް އަސްގެ މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ރޭގަނޑު އޮލިމްޕަހުގައެވެ. ވަނުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00 ގައެވެ. މިޝޯއަށް ވަނުމަށް ޓިކެޓު ނެގޭނެ ގޮތް ފަހުން އިޢުލާންކުރެވޭނެކަމަށްވެސް އެ ބޭންޑުން ބުންޏެވެ.
ބޭންޑުން ބުނީ މި ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ މަޝްހޫރު ބޭންޑެއްގެ ހުށައެޅުމަކުން ކަމަށެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޝްރަދާ ޕަންދިތުގެ ހުށައެޅުމެއްވެސް އޮންނާނެކަމަށް ބޭންޑުން ބުންޏެވެ. މީގެ އިތުރުންވެސް ރާއްޖެއާއި އިންޑިޔާގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތައް ކުރިއަށްދާނެކަމަށް އެބޭންޑުން ބުނެއެވެ.
ބެޓަލް އޮފް ދި ބޭންޑްސް އިންޓަރނޭޝަނަލްއިން ރާއްޖޭގެ ޓޫ އޮފް އަސް ބޭންޑު ވަނީ 3 ވަނަ ހޯދާފައެވެ. މިމުބާރާތުގައި އެކި ޤައުމުތަކުން 12 ބޭންޑެއް ވާދަކުރިއެވެ. މިމުބާރާތުގެ ގްރޭންޑް ފިނާލޭއާ ހަމައަށްވެސް ރާއްޖެއިން ވާދަކުރި ޓޫ އޮފް އަސްއިން ހުށައަޅައިދިނީ ބެލުންތެރިންގެ ހިތް ދަމައިގަންނަފަދަ ރީތި ލަވަތަކެކެވެ. އަދި މި ލަވަތަކަށް ޖަޖުންގެވެސް ބޮޑު ތަރުހީބެއް ލިބުނެވެ.
މި ބޭންޑުގެ ހުނަރުވެރިކަން ހުރިހާ ޖަޖުންވެސް ފާހަގަކުރެއެވެ. އެގޮތުން، އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސް އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމަށް ބުނެފައެވެ. އަދި ބޭންޑުގައި ހިމެނޭ ފަންނާނުންގެ ހުނަރުތަކަށް އޭނާވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
ޓޫ އޮފް އަސްއިން ހޯދި މި ކާމިޔާބީއަކީ މި ހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަޤުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ.