ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ޙަރަކާތްތަކުގެ ތެރެއިން ޝަރުޢީ ދާއިރާގެ އިސްވެރިންނާއި ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވަވައިފިއެވެ.
މިއަދު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޑީޖޭއޭގެ އިސްވެރިންނާއި ޕީ.އެސް.އެމްގެ އިސް މެނޭޖްމަންޓާއި ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކާއި އަދި ޚަބަރާގުޅޭ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ޝަރުޢީ ދާއިރާއާއި، މީޑިއާއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ޝަރުޢީ ދާއިރާގެ ޚަބަރުތައް ގެނެސްދިނުމުގައި މީޑިއާގެ ހޭލުންތެރިކަން އިތުރުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ޕަބްލިކް ސަރވިސް މީޑިއާއިން އެންމެ ބޮޑަށް ބާރުއެޅީ، ކޯޓްތަކާބެހޭ ޚަބަރާއި ރިޕޯޓްތަކާއި ޕްރޮގްރާމްތައް އުފައްދައި ހުށައެޅުމުގައި ޙަރަކާތްތެރިވާ ފަންނީ މުވައްޒަފުންނަށް ދެ ފަރާތް ގުޅިގެން ތަމްރީން ދިނުމަށާއި، ދެ ފަރާތް ގުޅިގެން، ޝަރުޢީދާއިރާއަށް ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރާނެ ގޮތުގެ މައްޗަށެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ވަނީ ދެ ފަރާތް ގުޅިގެން މަސައްކަތްތަކެއް ކުރައްވަން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އަދި ޝަރުޢީދާއިރާގެ މަސައްކަތްތަކުގެ މަޢުލޫމާތު ޢާންމުކުރެއްވުމުގައި ހުރި ދަތިތައް ދެފަރާތް އެކުގައި މަސައްކަތްކޮށްގެން ޙައްލުކުރުމަށް ތައްޔާރަށް އޮތްކަންވެސް ބަޔާންކުރައްވާފައިވެއެވެ.
ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގައި ޝަރުޢީ ދާއިރާއަކީ މީޑިއާއާ ރައްޓެހި ދާއިރާއެއްގެ ގޮތުގައި ހެއްދެވުމަށް ގިނަ ޙަރަކާތްތަކެއް ހިންގެވުމަށް ރާއްވަވާފައިވެއެވެ. އެގޮތުން ނޫސްވެރިންނާ ގުޅުން ބަދަހިކުރެއްވުމަށްޓަކައި އެކި ކޯޓްތަކުގެ އިސްވެރިން މީޑިއާގެ ފަރާތްތަކާ ވަނީ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ކޯޓްތަކުގެ އެތެރެ ވީޑިއޯކުރުމުގެ ފުރުޞަތު މީޑިއާތަކަށް ގެންދަވަނީ ހުޅުއްވާލައްވަމުންނެވެ. އެގޮތުން މިއަދު ވަނީ ފެމިލީ ކޯޓާއި ޑްރަކް ކޯޓް ވީޑިއޯ ކުރުމުގެ ފުރުޞަތު މީޑިއާތަކަށް ދެއްވާފައެވެ.
ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން ކުރިއަށް ހުރި ހަރަކާތްތަކުގެ ތެރޭގައި، ޝަރުޢީ ކޯޓްތަކުގެ އިސް ފަނޑިޔާރުން މީޑިއާތަކުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުން މާދަމާ އޮންނާނެއެވެ. އަދި މީޑީއާ ފަރާތްތަކަށް ޚާއްޞަކުރައްވައިގެން ކުރިއަށްގެންދަވާ ވޯކްޝޮޕެއް ބުރާސްފަތިދުވަހު ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ނަމުގައި ކުރިއަށްގެންދަވާ މި ހަރަކާތަކީ ޖުޑީޝަރީ އަހަރު 2016 ފާހަކުރެއްވުމުގެ ތެރޭގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހުށައެޅުއްވުމަކަށް ކުރިއަށްގެންދަވާ ޙަރަކާތެކެވެ.