ދިހަ ދުވަހުގެ ތެރޭ ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސާރވިސް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށުން ހިންގަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ އަޑު ނަމުގައި ކުރިއަށްގެންދާ ޕޮޑުކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާއަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ ތެލެސީމިއާ ސެންޓަރު، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމުގެ މަރުހަލާކަމަށެވެ.
ތެލަސީމީއާ ސެންޓަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަދާހަމައަށް އައިރު ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ތެލަސީމިއާ ސެންޓަރު ހިންގުން އޮރެންޖު ހިޔާއަށް ބަދަލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖާގައިގެ އިތުރުން އެ ސެންޓަރުގެ ވަޞީލަތްތައްވެސް ރަނގަޅުވާނެކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ވަޞީލަތްތައް ހޯދުމަށާއި މުވައްޒަފުން އިތުރުކުރުމަށް މާލީ ވުޒާރާއަށް އަންގާފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގިނަވެގެން 2 ހަފްތާގެ ތެރޭގައި މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއި ތެލަސީމިއާ ސެންޓަރު، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށައް ބަދަލުކުރެވޭނެކަމަށާއި، މިހާރު އެކަމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އެއާއެކު ތެލެސީމިއާ ކުދިން ސްޕެޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް، އެހެނިހެން އިތުރު ފައިދާތަކެއް ލިބިގެންދާންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"ޖުމުލަކޮށް މުޅި ތަނަށް ބޭނުންވާ މުވައްޒަފުންވެސް، 12 ވަރަކަށް މުވައްޒަފުން އިތުރުކުރުމަށް ހުއްދަލިބި މިހާރު ދަނީ މަސައްކަތްވެސް ކުރިޔަށް. އަދި ތަން ހިންގާގޮތް، ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމުގައި، ގަޑިތަކާއި، އޮޕަރޭޝަނަލީ ހިންގާ ގޮތް ބަދަލުކުރުން އެއީ ވަރަށް މުހިއްމުކަމެއް. ކުރިއަށް އޮތް ދުވަސްތަކުގައި މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެންބީއެސް ބަދަލުކުރާނަން. މިއިީ ވަރަށް މުހިއްމު ބޭނުމެއްގައި ކުރާކަމެއް. ކުދިންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކުރާކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހުޅުމާލެއަށް ބަދަލުކުރުމުން ހުޅުމާލޭ ހޮސްޕުޓަލުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެކަމަށެވެ. އަދި މާލެއިން ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އައިޖީއެމްއެޗްއަށް ގޮސްގެން ލޭ ދެވޭނެކަމަށާއި، ލޭ ރައްކާތެރިކަމާއެކު އޮރެންޖް ހިޔާއަށް ގެނެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ތެލެސީމިއާ ކުދިން ހުޅުމާލޭގައި ހުންނަ ސެންޓަރަށް ދިއުމަށް ޚާއްސަ ބަސްރޫޓެއް ކަނޑަޅާފައިވާކަން ފާހަގަކުރައްވައި، ތެލެސީމިއާ ކުދިންނާއި ބެލެނިވެރިންނަށް ބަހުގައި ހިލޭ ދަތުރުކުރުމަށް ޚާއްސަ ކާޑެއްވެސް ތައްޔާރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.