ކުޅިވަރު

އަޗޭރްބީ ގަޔަށް ކުޅެއް ނުޖަހަން: މާޓިނޭޒް


އިންޓަރ މިލާނުގެ ޑިފެންޑަރު ފްރަންޗެސްކޯ އަޗޭރްބީގެ ގަޔަށް ބާސެލޯނާގެ ޑިފެންޑަރު އިނިގޯ މާޓިނޭޒް ކުޅު ޖެހި ކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

އިންޓަރ އަތުން 4-3 އިން ބަލިވެ ބާސެލޯނާ މުބާރާތުން ކެޓި މެޗުގައި މި ހާދިސާ ހިނގި ކަމަށް ވަނީ އިންޓަރ މިލާނުން ޕެނަލްޓީއަކުން ޖެހި އެ ޓީމުގެ ދެވަނަ ލަނޑަށް ފަހު އުފާފާޅު ކުރުމުގެ ތެރޭގަ އެވެ. ނަމަވެސް މާޓިނޭޒް މިކަމަށް އިންކާރުކުރެ އެވެ.

"އޭނާ އުފާފާޅު ކުރީ އަހަރެންގެ ކަންފަތް ދޮށުގައި. އަހަރެންގެ ރިއެކްޝަން އެވަގުތު ހުރީ ބޭކާރު ގޮތަކަށް އެކަމަކު އަހަރެން ކުޅެއް ނުޖަހަން،" ޓީވީ އަށް ދިން އިންޓަވިއުގައި މާޓިނޭޒް ބުންޏެވެ.

އޭނާ ބުނީ އެފަދަ ކަމެއް ކުރިނަމަ އޭނާ ދަނޑުމަތީގައި އިތުރަށް އެންމެ ސިކުންތަކު ވެސް ނުހުންނާނެ ކަމަށެވެ.

"ހަމަ ޔަގީން. އަހަރެން އެފަދަ ކަމެއް ކުރި ނަމަ (ރަތްކާޑު ދައްކައި) އަހަރެން ފޮނުވާލާނެ. އެކަމާމެދު ޝައްކެތްނެތް،" މާޓިނޭޒް ބުންޏެވެ.

ނަމަވެސް މި ހާދިސާ އަށް ފަހު އަޗޭރްބީ ވަނީ ރެފްރީ ގާތުގައި ވަރަށް ބޮޑަށް މައްސަލަ ޖައްސާފަ އެވެ. އަދި ޕެނަލްޓީ އަށް ފަހު އަލުން ކުޅެން ފެށުމުގެ ކުރިން ރެފްރީން ވަބީ ވީއޭއާރުން މެދުވެރިކޮށް މިކަން ޗެކްކޮށްފަ އެވެ. އެކަމަކު ފިޔަވަޅެއް ނާޅަ އެވެ. އެކަމަކު ފަހުން މާޓިނޭޒް ކުޅު ޖެހިތަން ފެންނަ ބައެއް ވީޑިއޯތައް އުޅޭ ކަމަށް ސްޕޭނުގެ މީޑިޔާތަކުން ބުނެ އެވެ.

އިންޓަރ މިލާން މުބާރާތުގެ ފައިނަލަށް ދިޔައީ ދެ މެޗުގެ އެގްރިގޭޓުން 7-6 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.