ވިޔަފާރި

ވިޔަފާރިއާ ގުޅުންހުރި ހުއްދަތައް ދޫކުރުން އައުޓްސޯސްކުރަނީ


ވިޔަފާރި ރެޖިސްޓްރީކުރުމާއި ވިޔަފާރިއާ ގުޅުންހުރި ހުއްދަތައް ދޫކުރެއްވުންފަދަ ޚިދުމަތްތައް އަމިއްލަ ފަރާތްތައް މެދުކޮށް ދެއްވުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމަވައިފިއެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ އެ މިނިސްޓްރީން ދެއްވަމުން އަންނަ ޚިދުމަތްތައް އައުޓްސޯސްކުރައްވަން ނުވަތަ އެޖެންޓުން މެދުވެރިކުރައްވައި، ދެއްވަން ކަނޑައެޅުއްވީ ޚިދުމަތްތައް ޒަމާނީ ފެންވަރެއްގައި އިންތިޒާމްކުރެއްވުމަށްކަމަށެވެ.

ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރައްވައި، ފުޅާކުރައްވައިގެން، ދިވެހި އިޤްތިޞާދުގެ ތަނަވަސްކަމާއި ކެރިފޯރުންތެރިކަން އިތުރުކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މިކަމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނުއްވައިގެން، ވިޔަފާރިއާބެހޭ ޤާނޫނީ އޮނިގަނޑު، ވިޔަފާރިތަކަށާއި އިންވެސްޓްމަންޓްތަކަށް ފަހިކުރެއްވުމާއި ވިޔަފާރީގެ ކަންކަން ރެގިއުލޭޓްކުރެއްވުމުގެ އިންތިޒާމްތައް ޒަމާނީ ކުރެއްވުމާއި އަވަސް އަދި ފަސޭހަ އުޞޫލްތަކަކަށް ފެއްތެވުން ހިމެނެއެވެ.

ވިޔަފާރި ރެޖިސްޓްރީކުރުމާއި ވިޔަފާރިއާ ގުޅުންހުރި ހުއްދަތައް ދޫކުރެއްވުން ފަދަ ޚިދުމަތްތައް އަމިއްލަ ފަރާތްތައް މެދުކޮށް ދެއްވުމަށް ސަރުކާރުގެ ވިސްނެވުން އަމާޒުކުރެއްވީވެސް މި ސިޔާސަތުގެ ދަށުންނެވެ.

މިގޮތުން ޖުމްލަ 13 ޚިދުމަތެއް އައުޓްސޯސްކުރެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ޕާޓްނަރޝިޕް އަދި ކުންފުނި ރަޖިސްޓްރީކުރުމާއި، ޝިޕިންގ މަރކް އަދި ލޯގޯ ރަޖިސްޓްރީކުރުމުގެ އިތުރަށް، އިމްޕޯޓް ޕަރމިޓް އަދި އެކްސްޕޯޓް ޕަރމިޓް ދޫކުރެއްވުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.

ރަޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މި ޚިދުމަތް އިންތިޒާމްކުރެއްވުމަށް ރާއްވާފައިވަނީ މިހާރުވެސް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ލޯ ފަރމްތަކާއި، އޮޑިޓް ފަރމްތަކާއި، ބިޒްނަސް ކޮންސަލްޓެންސީ ފަރމްތައް މެދުވެރިކުރައްވައި، އެފަރާތްތައް ބިޒްނަސް ސަރވިސް އެޖެންޓެއްގެ ޙައިސިއްޔަތުން، އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.

ވިސާމް ވިދާޅުވީ ޚިދުމަތްތައް އައުޓްސޯސްކުރެއްވި ނަމަވެސް އެ މިނިސްޓްރީންވެސް އެ ޚިދުމަތްތައް ދެއްވުން މެދުކަނޑުއްވާނުލައްވައި ކުރިޔަށް ގެންދަވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިކަމަށް ބޭނުންވާ އެޖެންޓުން ހޯއްދެވުމަށް މިއަދު އިޢުލާންކުރައްވާފައެވެ. އަދި ކުރިއަށް އޮތް އޮގަސްޓް މަސް ނިމުމުގެ ކުރިން އެ ޚިދުމަތްތައް އެޖެންޓުން މެދުވެރިކޮށް ދެއްވަން ފެއްޓެވުމަށް މަސައްކަތްކުރައްވަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.