ދިވެހިންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025ގެ މީޑިއާ ޕާޓްނަަރަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ހަމަޖައްސައިފިއެވެ.
އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީންނެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ މީޑިއާ ޕަރޓްނަރުގެ ގޮތުގައި ޕީއެސްއެމް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތ އޮތީ މިއަދު ޕީއެސްއެމްގައި. މިއެއްބަސްވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރުއެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއުއެވެ. ޕީއެސްއެމްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީންއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު ވިދާޅުވީ، ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މި މައުރަޒު އިޝްތިހާރުކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މީގަ ޕީއެސްއެމާއި ބީސީސީ އަދި ވުޒާރާއާއި ގުޅިގެން ކުރެވުނު އެއްބަސްވުމުގެ ދަށުން އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރޭގައި ހިނގާ ކަންކަމުގެ ތެރޭގައި މާކެޓް ކުރުމުގެ މަސައްކަތްކުރެވެމުންދާނެ. ޚާއްޞަކޮށް މައުރަޒުގެ ތެރޭގައި ހިންގަމުންދާ ކަންކަމާއި އަދި ދިވެހީންގެ އުފެއްދުންތައް އިންޓަރނޭޝަނަލް ލެވެލްގައި މާކެޓްކުރުމަށް މިއެއްބަސްވުމުގެ ތެރެއިން މަސައްކަތްކުރެވިގެންދާނެ." ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ އެކި ޕްރޮގްރާމްތަކުގައާއި، ޚަބަރު ގަޑިތަކުގައިވެސް މައުރަޒާއި ގުޅުންހުރި މައުލޫމާތުތައް ބެލުންތެރިންނަށް ފޯރުކޮށްދޭނެކަމަށެވެ. އަދި މިގޮތަށް މައުރަޒުގެ ކަންކަން އިޝްތިހާރުކުރުމަށް ނިންމާފައިވަނީ ދިވެހި އުފެއްދުންތައް ރާއްޖޭގެ އިތުރުން ބޭރުގެ މާކެޓުތަކުގައިވެސް އިޝްތިހާރުކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ މައިގަނޑު އެއް މަޤްސަދަކީ ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ ޕްރޮޑަކްސްތައް މާކެޓްކުރުމަށް މަގުފަހިކޮށްދިނުން. މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށްދާނެ.
ދެން ސަރުކާރުގެ ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއް އެއީ ދިވެހީންގެ އުފެއްދުންތައް ރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ މާކެޓުތަކަށް ގެންދިއުމަކީ. މިކަން މި އެއްބަސްވުމުގެ ތެރެއިން ވަރަށް ބޮޑަށް ފަހިވެގެންދާނެ." ސްޓޭޓް މިނިސްޓަރ ޙުސައިން ޒާމިރު ވިދާޅުވިއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމަވާފައެވެ.
މިމައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 10ވަނަ ދުވަހުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުޞަތުތަކެއްވެސް މިހާރުވަނީ ހަމަޖައްސަވާފައެވެ. އަދި މިމައުރަޒުގައި ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ޤާއިމްކުރާ، ކިއޮސްކުތަކާއި ސްޓޯލްތަކުގެ އަގުވެސް މިހާރުވަނީ ހެޔޮކޮށްފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 23 އިން 31އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.