ސިއްހަތު

"ރާއްޖެއަކީ މިހާރު ފައިލޭރިޔާ ނައްތާލެވިފައިވާ ޤައުމެއް"


"ލިމްފެޓިކް ފިލޭރިއޭސިސް" ނުވަތަ ދިވެހިން ޢާއްމުކޮށް ކިޔާ ގޮތުންނަމަ،"ފައިލޭރިއާ" އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު،ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.

1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސަރވޭގައި ،ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެއްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ، 2007 ވަނަ އަހަރުގައެވެ. އެންމެ ފަހުން ރާއްޖެއިން ފައިލޭރިއާ ކޭސް އެއް ފެނިފައިވަނީ ލ. ފޮނަދޫއިންނެވެ.

ފައިލޭރިއާ ރާއްޖެއިން ނައްތާލުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތުން، ފައިލޭރިއާއަކީ މިހާރު ރާއްޖޭގެ ޕަބްލިކް ހެލްތު ނުރައްކަލެއް ނޫންކަމަށް ނިންމާ، ރާއްޖެއަކީ ފައިލޭރިއާއިން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ މިދިޔަ މަހުގެ 3 ވަނަ ދުވަހު ކަނޑައަޅާ އެކަން ދިވެހި ސަރުކާރަށް އަންގަވާފައެވެ. މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިކަން ރަސްމީ ކޮށް އިޢުލާންކޮށް މިކަމާއި ބެހޭ ރަސްމީ ސެޓްފިކެޓް މިއަދު ވަނީ ދިވެހި ސަރުކާރާއި ޙަވާލުކުރައްވާފައެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ސެޓްފިކެޓާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް މިއަދު މިލިބުނު ކާމިޔާބީ އަކީ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންގެ މިންނެތް މަސައްކަތުންނާއި،އަދި ސިޔާސީ ފެންވަރެއްގައްޔާއި ،އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން ގުޅިގެން ކުރެވުނު މަސައްކަތުން ލިބުނު ކާމިޔާބީއެއްކަމަށެވެ.  އަދި ފައިލޭރިއާ ނައްތާލެވުނު މިޞަރަޙައްދުގެ ފުރަތަމަ ޤައުމަށް  ރާއްޖެ ވެގެންދިޔަނަމަވެސް ދެން އޮތީ އަލުން އެބަލި ފެތުރުނަނުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.

ރާއްޖެއަކީ، ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް، ފައިލޭރިއާގެ އިތުރު ކޭސްއެއް ރާއްޖޭގައި ނެތްކަން ކަށަވަރުކޮށް، ފައިލޭރިއާ ކޮންޓްރޯލް ކުރުމާއި ސްކްރީންކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެއާއިއެކު ފައިލޭރިއާ ފެތުރުނު އިރު ފައިލޭރިއާ ޖެހުނު މީހުންނަށް މިކަމުގައި އިތުރު ނުރައްކަލެއް ކުރިމަތިލާން ނުޖެހޭ ގޮތަށް އެމީހުންގެ ދިރިއުޅުން ބައްޓަންކުރުމަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. މި ޙަފްލާގައި، ރައީސުލްޖުމހޫރިއްޔާގެ ނައިބާއި، ޑަބްލިޔު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ވަނީ ފައިލޭރިޔާ ނައްތާލުމާއި ބެހޭ ލުއިފޮތެއް ނެރެދެއްވާފައެވެ.

މި ރަސްމިއްޔާތުގައި  ޑަބް.ލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، ޑރ އަރްވިންދް މާތުރާއި، ސިއްޙީ ދާއިރާގެ އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.