އިޓަލީގެ އިންޓަރ މިލާން އަތުން ރޭ 4-3 ގެ ނަތީޖާއަކުން ބަލިވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ގެއްލުމުން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް މެޗުގެ ރެފުރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ބާސެލޯނާ ބަލިވީ އިންޓައިން ފުރަތަމަ ހާފުގައި ހޯދި ދެ ލަނޑުގެ ލީޑް ކެންސަލްކޮށް 87 ވަނަ މިނިޓްގައި ރަފީނިއާ ޖެހި ލަނޑުން ފައިނަލަށް ދެވިއްޖެހަން ހީވުމަށްފަހު އެވެ. ނަމަވެސް އިންޓައިން ނަތީޖާ ހަމަހަމަކުރީ އިތުރު ވަގުތުގެ ފަސް މިިނިޓްތެރޭގަ އެވެ. އަދި މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ އެވެ.
ބާސެލޯނާގެ ކޯޗު ބުނީ އިންޓަމިލާނުގެ ސެންސީރޯގައި ކުޅުނު މެޗުގެ ކޮންމެ ފިފްޓީ ފިފްޓީ ހާލަތެއްގައި ރެފްރީ ނިންމީ އިންޓައާ އެއްކޮޅަށް ކަމަށެވެ.
މި ގޮތުން އޭނާ ފާހަގަ ކުރަނީ ލަމީން ޔަމާލް އަށް ހެންރިކް މިކްތާރިއަން ކުރި ފައުލަކަށް ޕެނަލްޓީ ދިނުމަށްފަހު، ހިލޭ ޖެހުމަކަށް ބަދަލު ކުރުމެވެ. އަދި އިންޓަގެ އެކްރެބީގެ އަތުގައި ޖެހުނު ބޯޅަ އަށް ޕެނަލްޓީ ނުދިނުމާއި ޖެރާޑް މާޓީން އަށް ޑަމްފްރެއިސް ކުރި ފައުލަށް ރެފްރީ އަޅާނުލުމެވެ. މިއާ ހިލާފަށް ޕައު ކުބަރްސީ އިންޓަގެ ފޯވަޑް ލައުޓާރޯ މާޓިނޭޒްގެ ފައިން ބޯޅަ ދުއްވާލުމަށް ކުރި ފައުލަށް އިންޓަ އަށް ޕެނަލްޓީ ދިނުމެވެ.
"އަހަރެން ރެފްރީއާ ބެހޭ ގޮތުން މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. ކޮންމެ ފިފްޓ ފިފްޓީ ޗާންސެއް ދިޔައީ އިންޓައާ އެއްކޮޅަށް،" ފްލިކް ބުންޏެވެ.
ނަމަވެސް އޭނާ ބުނީ 10 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ސެމީ ފައިނަލެއް ކުޅުނު ބާސެލޯނާގެ މި ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ފަހުރުވެރިވުން ހައްގު ކުޅުންތެރިއެއް ކަމަށެވެ.
"ކޮންމެ ކުޅުންތެރިއަކު ވެސް ލޯގަނޑު ކުރިމައްޗަށް އަރައި ބަލާލީމަ ވިސްނެންވާނެ އެމީހުން ފަހުރުވެރިވާންޖެހޭކަން. އަހަރުމެންނަށް އަދިވެސް މި ސީޒަނުގައި ތައްޓެއް ހޯދެން އެބައޮތް. އެއީ ސްޕެނިޝް ލީގު. ދެން އޮތީ ރެއާލް މެޗު. އަހަރުމެންނަށް އެ މެޗަށް ތައްޔާރުވާން މާގިނަ ދުވަހެއްނެތް. އެކަމަކު ވެސް ތައްޔާރުވާންޖެހޭނެ،" ކޯޗު ބުންޏެވެ.
އޭނާ ބުނީ ބަލިވުމުން ދެރަވާނެ ކަމަށާއި އެއީ ފުޓްބޯޅައިގެ ބައެއް ކަމަށެވެ.
"އަހަރުމެން އަންނަ ސީޒަނުގައި އިތުރަށް މަސައްކަތް ކުރާނަން ސަޕޯޓަރުން އުފާކޮށްދޭން. މި ސީޒަނުގެ ނަތީޖާ ގޯހެއްނޫން. އަހަރެން ކުޅުންތެރިންނާމެދު އުފާކުރަން. އެމީހުން ވަރަށް މަސައްކަތް ކުރި،" ފްލިކް ބުންޏެވެ.
މި ސީޒަނުގައި ހަތަރު ތަށި ހޯދަން މަސައްކަތް ކުރި ބާސެލޯނާ ސެމީ ފައިނަލުގެ ފަހު މެޗުން ބަލިވިއިރު އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3އިން އެއްވަރުވެގެންނެވެ. މިހެންވެ ރޭގެ ނަތީޖާއާއެކު ޖުމުލަ އެގްރީގޭޓަކީ 7-6 އެވެ.