ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދިއުމަށް ސްޕޭނުގެ ބާސެލޯނާ ބަލިކުރަން އިންޓަމިލާނުގެ ކޮންމެ ކުޅުންތެރިއަކު 200 ޕަސެންޓް ހިތްވަރު ކުރަން ޖެހޭނެ ކަމަށް ޑިފެންޑަރު އަލަސެންދްރޯ ބަސްޓޯނީ ބުނެފި އެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ އިންޓަމިލާން އޮތީ ތައްޓާ ދެ މެޗު ދުރުގައި ކަމަށެވެ.
"އަހަރުމެން ދޭނަން 110 ޕަސެންޓަށްވުރެ އިތުރަށް. އަހަރުމެން 200 ޕަސެންޓް ދޭން ޖެހޭނެ. ޓީމެއްގެ ގޮތުގައި އަހަރުމެންނަށް މިކަން ވިސްނޭ،" ބަސްޓޯނީ ބުންޏެވެ.
އޭނާ ބުނީ ޗެމްޕިއަންސް ލީގު ތަށި ހޯދުމަކީ ނުވަތަ ސެމީ ފައިނަލް ކުޅުމަކީ ކޮންމެ އަހަރަކު ވާނެ ކަމެއްނޫން ކަމަށެވެ.
"އަހަރުމެން ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ވަރަށް ބަލައިފިން. ޕާސް ކުރުމުގައި އަހަރުމެން ވަރަށް ބައިވަރު ގޯސްތައް ހެދި. އެކަންކަން މި މެޗުގައި ރަނގަޅު ކުރަންޖެހޭނެ. އަދި އަހަރުމެންނަށް އެމީހުންނަށް ޕްރެޝަރު ކުރިމަތި ކުރެވިދާނެ،" ބާސްޓޯނީ ބުންޏެވެ.
އޭނާ އަދި ބުނީ އިޓާލިއަން ލީގުގައި މިދިޔަ ހަފުތާއާ ހަމައަށް އެއްވަނާގައި އޮވެފައި ދެ ވަނަ އަށް ސޮއްސާލި ނަމަވެސް އިންޓަގެ ނަތީޖާތައް މުޅި ސީޒަނަށް ބަލާއިރު ގޯސް ނޫން ކަމަށެވެ. ނަމަވެސް އިޓާލިއަން ލީގުގައި ތިން ޕޮއިންޓް ފަހަތުން ދެ ވަނާގައި އޮތުމަކީ މުޅި ޓީމުގެ ފޯކަސް ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރަން ހުސްކުރަންޖެހޭ ކަމެއްނޫން ކަމަށެވެ.
26 އަހަރުގެ ޑިފެންޑަރު އިތުރަށް ބުނީ މި މެޗުގައި އެ ޓީމުގެ ސަޕޯޓަރުންގެ އެއްބާރުލުން ވަރަށް ބޮޑު ކަމަށެވެ.
"ސަޕޯޓަރުންނަށް މި މެޗުގައި ހޫނު މާހައުލެއް އުފެއްދިދާނެ. އަހަރުމެން ބޭނުންވަނީ ހަމަޖެހިގެން ތިބެން. އެކަން ސަޕޯޓަރުންނަށް ކޮށްދެވިދާނެ. އިދިކޮޅު ޓީމު ހާސްކޮށްލެވިދާނެ. އަހަރުމެންނަށް ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން ވަރަށް ބޭނުން،" ބަސްޓޯނީ ބުންޏެވެ.
މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ އިންޓަމިލާން ދެ ފަހަރު ލީޑް ނެގި ނަމަވެސް 3-3އިން އެއްވަރުވެގެންނެވެ. މިހެންވެ ފައިނަލަށްދާނެ ޓީމެއް ކަށަވަރުކުރުމަށް މި މެޗުގައި ނަތީޖާ ނެރެން ޖެހޭނެ އެވެ.