ކުޅިވަރު

ލެވޮންޑޯސްކީ އާއި ލައުޓާރޯ ވެސް ފަށާނީ ބެންޗުން


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މިރޭ ބާސެލޯނާގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި އިންޓަމިލާނުގެ ފޯވަޑް ލައުޓާރޯ މާޓިނޭޒް ވެސް މެޗު ފަށާނީ ބެންޗުގައި ތިބެގެންކަން ޔަގީން ވެއްޖެ އެވެ.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ ކޮޕާ ޑެލްރޭ ފައިނަލް މެޗުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު ފަލަ މަސްގަނޑަށް އަނިޔާވި ފަހުން މެޗެއް ނުކުޅެހުރި ފޯވަޑް މިހާރު ހުރީ ފިޓްކޮށް ކަމަށެވެ.

"އަހަރުމެންގެ ޕްލޭނަކީ އޭނާ ފަހު ހާފުގައި ކުޅެން ނެރުން. އޭނާ އިންޖަރީވި ފަހުން އަދި ޓީމާއެކު ރަނގަޅަށް މެޗެއް ނުކުޅޭ. އަދި އޭނާ އެންމެ ފުރިހަމަ އަށް ފިޓެއްވެސްނޫން. އެކަމަކު އޭނާ ޓީމާއެކު ހުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ފްލިކް ބުންޏެވެ.

އިންޓަމިލާނުގެ ކޯޗު ސިމޯން އިންޒާގީ ބުނީ ލެވޮންޑޯސްކީ އަކީ ދުނިޔޭގެ އެންމެ މޮޅު ތިން ފޯވަޑުންގެ ތެރެއިން އެކަކު ކަމަށެވެ.

"އޭނާ ނެތި އެމީހުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވީ. އޭނާ ނެތި އެމީހުން އަހަރުމެންނާ ދެކޮޅަށް ކުޅުނީ. އެ މެޗުގައި ފެރަން (ޓޮރޭޒް) ރަނގަޅަށް ކުޅުނު. އެހެންވީމާ އޭނާ އެނބުރި މި މެޗުގައި ކުޅޭ ކަމީ އެމީހުންގެ ފޯވަޑް ލައިން އިތުރަށް ވަރުގަދަވާނެ ކަމެއް. އަހަރުމެން ވިސްނަން ޖެހޭނެ،" އިންޒާގީ ބުންޏެވެ.

އިންޓަމިލާނުގެ އެންމެ މުހިންމު ފޯވަޑަކީ އާޖެންޓީނާގެ ފޯވަޑް އަދި ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ. އޭނާ އަށް އަނިޔާވީ ބާސެލޯނާއާ ދެކޮޅަށް ސްޕޭނުގައި ކުޅެނިކޮށެވެ.

"އެ ފަހުން އޭނާ އަދި އަހަރުމެންނާއެކު ފަރިތަ ނުކުރޭ. މިރޭގެ މެޗަށް އޭނާ ޓީމުގައި ހިމަނާނަން. އެކަމަކު އޭނާ ފުރަތަމަ އިންނާނީ ބެންޗުގައި. މެޗުގައި ކޮންމެހެން ބޭނުން ކުރަން ޖެހިއްޖެނަމަ އޭނާ ކުޅެން ނެރޭނެ،" ކޯޗު ބުންޏެވެ.

މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި އިންޓަމިލާން ދެ ފަހަރު ލީޑް ނެގި އެވެ. އެކަމަކު މެޗު ނިމުނީ 3-3އިން އެއްވަރުވެގެންނެވެ. މިހެންވެ މިރޭ ފައިނަލަށް ދާނެ ޓީމެއް ކަށަވަރު ކުރާނެ އެވެ.