ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށްޓަކައި ބީލަން އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމާއެކު އެކަމުގެ ފައިދާ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރާނެކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ޚިދުމަތް ފެށުމަށް ބީލަން އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. ހެލިކޮޕްޓަރުގެ ޚިދުމަތުގެ އިތުރަށް މޯލްޑިވިއަންގެ ވައިޑް ބޮޑީގެ 2 ވަނަ ބޯޓުގެ ޚިދުމަތް އޮކްޓޫބަރު މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ކަނެކްޓިވިޓީ ދާއިރާއަށް ބަލާއިރު އަލަށް 2 އެއަރލަންއިގެ ޚިދުމަތް ފަށައިފި. ހުއްޓިފައި އޮތް 3 އެއަރލައިނަކުންވެސް ޚިދުމަތް ފަށައިފި."ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ ޚިދުމަތް ފަށާގޮތަށް ކުރިން ހަމަޖެހިފައި އޮތީ މާރޗްމަހުއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މިކަމަށް ވަކި ޓައިމްލައިނެއް ކަނޑައަޅައިގެން ކުރިއަށްދާކަމަށާއި އެ ޚިދުމަތް މާރޗްމަހު ނުފެށުނީ ބައެއް ބަދަލުތަކެއް ގެންނަން ޖެހުމުގެ ސަބަބުންކަމަށެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ އިން ވިދާޅުވެފައިވަނީ ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ނިންމާފައިވަނީ ކުއްލި ހާލަތްތަކުގައި ޚިދުމަތް ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކަމަށެވެ. އަދި އެ ޚިދުމަތް ދިނުމަށް އެއްބަސްވުން އެކުލަވާލާ ފަރާތަކަށް 10 އަހަރުގެ މުއްދަތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން އުފުލައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ހުއްދަދޭނެކަމަށްވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއިން މީގެކުރިންވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި މީގެކުރިން ފޯރުކޮށްދެމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ ދިމާވި ހިތާމަވެރި ހާދިސާތަކަކާއި ގުޅިގެން މީގެ އެތައް އަހަރެއް ކުރިންނެވެ. އަދި އަލުން ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމެވީ މިދިޔަ ޖެނުއަރީމަހުއެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމެވީ އިނގިރޭސިވިލާތުގެ ރެގިއުލޭޓަރީ ބޮޑީއެއްކަމަށްވާ، ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާފައިވާ ޓެކްނިކަލް އެސެސްމަންޓްތަކަކަށް ފަހުއެވެ.