ކުޅިވަރު

އައު އިސްލާހުތަކާއެކު ކުޅިވަރު ބިލު ފާސްކޮށްފި


ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެގޮތަށް ކުޅިވަރުގެ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

2025ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާގައި އައު އިސްލާހުތަކެއް ހިމެނޭހެން މިބިލު ފާސްކޮށްފަވާއިރު، މިއީ ފާއިތުވެ ދިޔަ އަހަރުގެ ނޮވެމްބަރުމަހު ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފު މުހަންމަދު ހުށަހެޅުއްވި ބިލެކެވެ.

މިބިލު ދިރާސާކުރެއްވުމަށްފަހު ނިންމި ގޮތުގެ ރިޕޯޓްހުށަހެޅުއްވީ އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރު އަދި މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ. މަޖިލީހަށް ރިޕޯޓު އިއްވަވަމުން އަސްމާ ވިދާޅުވީ މިބިލާގުޅޭ ގޮތުން ކުޅިވަރު ވުޒާރާގެ އެންމެހާ ފަރާތްތަކާ މަޝްވަރާކުރެވުނުކަމަށާ، އަދި އާއްމުންގެ ޚިޔާލު ހޯދުމަށްވެސް ހުޅުވާލެވުނުކަމަށެވެ.

އޭގެ އިތުރުން މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި މިބިލާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޕަބްލިކް ފޯރަމެއްވެސް ބޭއްވުނުކަމަށް އޭނާ ވިދާޅުވިއެވެ. މި ފޯރަމުގައި ރާއްޖޭގައި ޤައުމީ ފެންވަރުގައި ހަރަކާތްތެރިވާ ކުޅިވަރު އެސޯސިއޭޝަންތަކާ، ކުލަބުތަކުގެ އިތުރުން އެކަޑަމީތައްވެސް ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅިވަރު ޤާނޫނަށް ގެންނަން ފެންނަ އިސްލާހުތައް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤް (ޓޮމް)އެވެ. މިބިލަށް ގެނެވުނު އިސްލާހުތައް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކުރެވުނުއިރު މިއީ ކުޅިވަރު ދާއިރާއަށް ލިބިގެންދާނެ ކުރިއެރުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އަހާ ފާސްކުރެވުނު އިސްލާހުތަކަކަކީ:

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (1ވަނަ މާއްދާގެ ހ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (5ވަނަ މާއްދާއަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (6ވަނަ މާއްދާގެ ހ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (8ވަނަ މާއްދާގެ ށ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (50ގެ 7ވަނަ މާއްދާ އަށް ހުށަހެޅުނު އިސްލާހު)

• ޤާނޫނު ނަމްބަރު 2015/30 ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު (49ގެ 2ވަނަ މާއްދާ އަށް ހުށަހެޅުނު އިސްލާހު)

މި އިސްލާހުތައް ކޮމިޓިއަށް ހުށަހެޅުމާއެކު ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފަވަނީ މިދިޔަމަހުގެ ތެރޭގައެވެ. މި އިސްލާހުތަކާއެކު، ކުޅިވަރު ގާނޫނުން ރާއްޖޭގެ އެތުލީޓުންނަށް ގިނަ ކަންތައްތަކެއް ފަހިވެގެންދާނެކަމަށް ކުޅިވަރު ވުޒާރާއިންވަނީ ހާމަކުރައްވާފައެވެ.

ދިގުލައިގެން ގޮސްފައިވާ މިބިލު ތަސްދީގުކުރުމުން ލިބިގެންދާނެ އެއް ލުއިފަސޭހައަކީ ކުޅިވަރުތައް ތަރައްޤީކުރުމަށް ރާއްޖޭން ބޭރަށް އެތުލީޓުން ފޮނުވުމުގައި އުފުލަންޖެހުނު ތަކުލީފުތައް ކުޑަވުމެވެ.