ޚަބަރު

މީޑިއާ ވީކްގެ ތެރެއިން ޖުވެނައިލް ކޯޓު މީޑިއާތަކަަށް ދައްކާލައިފި


މިހާރު ކުރިއަށްދާ ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން ޖުވެނައިލް ކޯޓަށް މީޑިއާތަކުން ޒިޔާރަތްކޮށްފިއެވެ.

މިއީ ޝަރުޢީދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ތެރެއިން، މީޑިއާގެ ފަރާތްތަކުން ކޯޓުތަކަށް ޒިޔާރަތްކޮށް، ކޯޓުތަކުން ހުއްދަދޭ ގޮތެއްގެ މަތިން، ކޯޓުތައް ވީޑިއޯކޮށް ފޮޓޯ ނެގުމަށް ހުޅުވާލާ ފުރުޞަތެކެވެ.

ކޯޓްތައް ބަލާލުމުގެ ފުރުޞަތުގެ އިތުރަށް ކޯޓާބެހޭ މަޢުލޫމަތު ޙިއްޞާކުރުމުގެ ސެޝަނެއް ކުރިޔަށް ގެންދަވާފައިވެއެވެ. ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ޙަރަކާތްތައް ފެއްޓެވީ އިއްޔެއެވެ. މި ޙަރަކާތުގެ އިތުރުން ޝަރުޢީ ދާއިރާއާއި މީޑިއާތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމާއި، މީޑިއާގެ މިނިވަންކަން ދެމެހެއްޓެވުމާއި، ބިނާކުރަނިވި މީޑިއާ ވެއްޓެއް ޤާއިމުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެދާއިރާގެ އިސްބޭބޭފުޅުންނާއެކު ބައްދަލްވުންތަކެއް ބޭއްވުމަށްވެސް ރާއްވަވާފައިވެއެވެ. މިގޮތުން އިއްޔެ މޯލްޑިވްސް މީޑިއާ ކަންސިލާއި ބައްދަލުކުރެއްވުމަށް ހަމަޖައްސަވާފައިވީނަމަވެސް މީޑިއާ ކައުންސިލްގެ މެންބަރުން ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަތުމުގެ ސަބަބުން މިބައްދަލުވުން ކެންސަލް ކުރައްވާފައިވާކަމަށް ޖުޑީޝަރީން ވިދާޅުވެއވެ. އަދި މިއަދު ބްރޯޑްކާސްޓްންގ ކޮމިޝަނާއެކު ބާއްވަން ހަމަޖެހުނު ބައްދަލުވުންވެސްވަނީ ކެންސަލްވެފައެވެ.

މި ވީކްގް ތެރެއިން މީޑިއާގެ ފަރާތްތަކަށް ޚާއްޞަކުރައްވައިގެން މަސައްކަތު ބައްދަލުވުމެއް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ.

މިޙަރަކާތްތައް މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެއެވެ.