ސިއްހަތު

ނަފްސާނީ ބަލިތަކާބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި


ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ޢާއްމުކޮށްފައިވާ "މެންޓަލް ހެލްތު އެކްޝަން ގެޕް ޕްރޮގްރާމަށް، ރާއްޖޭގައި ނަފްސާނީ ބަލިމީހުންނަށް އެކި ޚިދްމަތްދޭ ފަރާތްތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

މެންޓަލް ހެލްތު އެވެއާނެސް ފައުންޑޭޝަނާއި އައި.ޖީ.އެމް.އެޗް ގުޅިވަޑައިގެން، އައި.ޖީ.އެމް.އެޗުގައި 6 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ޖުމްލަ 30 ބޭފުޅުން ބައިވެރިވެއެވެ. މެންޓަލް ހެލްތު އެވެއަރަނެސް ފައުންޑޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިބައްދަލުވުމުގައި ބައިވެރިވާ ބޭފުޅުންނަކީ ސީދާގޮތުންނާއި ނުސީދާ ގޮތުން، ނަފްސާނީ ބަލި މީހުންނަށް ޚިދްމަތް ދެމުން އަންނަ، އެކި އެކި މުއައްސަސާތަކަށް ނިޞްބަތްވާ ބޭފުޅުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ ތަންފީޒީ މުއައްސަސާތަކާއި،އިޖްތިމާއީ ޚިދްމަތްދެއްވާ އަދި މިފަދަ ޚިދްމަތްތައް ވިލަރެސް ކުރައްވާ ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތައް ހިމެނެއެވެ.

2011 ވަނަ އަހަރު ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ޝާއިޢުކޮށްފައިވާ "މެންޓަލް ހެލްތު ގެޕް އިންޓަވެންޝަން ގައިޑްލައިނަށް" ބިނާކޮށް، މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ބޭނުންވާ ކަމާއި ގުޅުން ހުރި ތަފާތު އެކި މަޢުލޫމާތުތައް މިބައްދަލުވުމުގައި ހިއްސާކޮށްފައިވެއެވެ. އެގޮތުން ޑިޕްރެޝަނާއި، ޅަފަތުގައި ކުދިންނަށް ދިމާވާ އެކި އެކި ނަފްސާނީ މައްސަލަތަކާއި ކުރިމަތިލުމާއި، ނަފްސާނީ ބަލިތައް ތަޙައްމަލް ކުރަމުންދާ މީހުންނަށް އެހީތެރިވެވިދާނޭ ގޮތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

މެންޓަލް ހެލްތު އެވެއަނެސް ފައުންޑޭޝަނުން ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ބަލި އިތުރުވަމުންދާ މިންވަރު ދުވަހުން ދުވަހަށް އިތުުރުވަމުން ދިޔަނަމަވެސް، ނަފްސާނީ ބަލި ތަޙައްމަލް ކުރަމުންދާ މީހުންނަށް އެހީތެރިވެދޭނޭ އަދި ފަރުވާދޭނޭ ފަންނީ ބޭފުޅުން މަދުކަމަށެވެ. އެހެންކަމުން އެޖަމްޢިއްޔާގެ ބޭނުމަކީ މިފަދަ މީހުން ބިނާ ކުރުމާއި، ގިނަ ބަޔަކު މިކަމަށް އަހުލުވެރި ކުރުވުންކަމަށެވެ. އެގޮތުން މިބަދަލުވުމުގެ ބައިވެރިންގެ ފަރާތުންވެސް ދެކެން ބޭނުންވަނީ މި ވޯކްޝޮޕުން ދަސްވި ކަންތައްތަކުގެ އެހީގައި ގިނަ ބަޔަކަށް ޚިދްމަތް ކުރުން ކަމުގައެވެ. އަދި ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހަކު މާބޮޑުވަރު ނުވަނީސް ބޭނުންވާ އެހީ ދިނުން ކަމުގައެވެ.

މެންޓަލް ހެލްތު އެވެއާނެސް ފައުންޑޭޝަނަކީ ނަފްސާނީ ބައްޔަށް އަހުލުވެރިކުރުމަށާއި، އަދި ނަފްސާނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންނަށް ބޭނުންވާ ތަފާތު އެކި އެހީތެރިކަން ފޯރުކޮށްދިނުމަށް ޤައުމީ ފެންވަރެއްގައި ޙަރަކާތްތެރިވަމުން އަންނަ މަދަނީ ޖަމްއިއްޔާއެކެވެ. މި ވޯކް ޝޮޕަކީ ކަމަށް ބޭނުންވާ ފަންނީ މީހުން ބިނާ ކުރުމަށް އެޖަމްޢިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ދަށުން ހިންގި ވޯކް ޝޮޕެކެވެ.