10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު، ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުގެ ތައްޔާރީތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.
މިމަހުގެ 6-15 އަށް އޮމާންގައި ބާއްވާ މި މުބާރާތަށް ޤައުމީ ޓީމު މާދަމާ ފުރަން ހަމަޖެހިފައިވާއިރު ޓީމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއާއި މައުލޫމާތު ހިއްސާ ކުރަމުން މުޖުތަބާ ވިދާޅުވީ ކުޅުންތެރިންތިބީ ވަރަށް ފިޓްކޮށް ވަރަށް ޖޯޝުގައި ކަމަށެވެ.
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕަށް ރާއްޖޭން ތައްޔާރުކުރި ފުރަތަމަ ޓީމަށް އިރުޝާދު ދެމުން އަންނަ ޕާކިސްތާނުގެ ކޯޗު އާސިމް ރާޝިދުގެ މަސައްކަތާއިމެދުވެސް ވަރަށް ހިތްހަމަ ޖެހޭ ކަމަށް މުޖުތަބާ ވިދާޅުވިއެވެ. ގައުމީ ބީޗް ހޭންޑްބޯލް ޓީމުން އޮމާނަށް ފުރަނީ 8 މަސް ދުވަހުގެ ފަރިތަކުރުންތަކަށްފަހުގައެވެ.
ރާއްޖޭން މެޑައްޔެއް ހޯދުމުގެ އަމާޒުގައި މި މުބާރާތަށް ތައްޔާރުކުރި ބީޗް ހޭންޑް ބޯޅަ ޓީމަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ގިނަ އަދަދެއްގެ ކުޅުންތެރިންނާއެކު އެކުލަވާލާފައިވާ ޓީމެވެ. ޓީމުގެ ފަރިތަކުރުންތައްވެސް ކުރިޔަށް ދިޔައީ ކުޅުދުއްފުށި ސިޓީގައެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކު ރޭގަނޑާއި ދުވާލުވެސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާ، ބީޗް ހޭންޑް ބޯޅައަށް ހާއްސަ 2 ކޯޓު ތަރައްގީކޮށްދީފައިވާއިރު ގައުމީ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ކަންތައްތަކުގައިވެސް ސިޓީ ކައުންސިލުން ހޭންޑްބޯލް މޯލްޑިވްސް އަށް ވަރަށް ބޮޑު އެއްބާރުލުމެއްދެއެވެ.
އޮމާނަށް ފުރާ ގައުމީ ޓީމާއި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ފުރުން ހަމަޖެހިފައިވަނީ މާދަމާ މެންދުރެވެ.