ސިޔާސީ

މިނިސްޓަރުގެ ލަފާފުޅާއެކު ޕަރމަނަންޓް ސެކެޓްރީން އައްޔަން ކުރަނީ


ޕާރމަނަންޓް ސެކެޓްރީގެ މަޤާމަށް މީހުން ޢައްޔަންކުރާނީ އެ މިނިސްޓްރީއެއް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރުގެ ލަފާފުޅާއެކު ކަމަށް ހަމަޖެއްސެވުމަށް ސިވިލް ސާރވިސްގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.

އި އިޞްލާޙު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް 22 މެމްބަރުން ވޯޓުދެއްވިއެވެ. މި އިޞްލާޙު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ. ސިވިލް ސަރވިސްގެ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ، ޕާމަނަންޓް ސެކްރެޓަރީން ޢައްޔަން ކުރައްވަނީ ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ. މި އިޞްލާހު ތަސްދީޤް ކުރައްވައިފިނަމަ މިނިސްޓްރީތަކުގައި ތިއްބެވި ޕާމަނަންޓް ސެކެޓްރީން ވަކިކުރެއްވުމުގެ ބާރު މިނިސްޓަރަށް ލިބިވަޑައިގަންނަވާނެއެވެ.

މި އިޞްލާޙަށް ބަޙުސްކުރެއްވި ބައެއް މެމްބަރުން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި ބައެއް ޕާމަނަންޓް ސެކެޓްރީން ފަސް ޖެހެމުން ދާކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދަތިވާ ކަމަށެވެ. ނަމަވެސް އިދިކޮޅު މެމްބަރުން މި އިޞްލާޙަށް ތާއީދުކޮށްފައެއް ނުވެއެވެ.

ޕާރމަނަންޓް ސެކެޓްރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފައާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގެވުމާ ބެލެހެއްޓެވުމެވެ. އެ އިދާރާއެއްގައި މަސައްކަތްކުރާ ސިވިލް ސަރވަންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކެޓްރީންނެވެ.