ސިޔާސީ

ޕާޓީ ޓޯކްސް ކުރިޔަށްދާނީ ޓައިމްލައިނެއް ކަނޑައަޅައިގެން


ސިޔާސީ ޕާޓީތަކާއެކު ސަރުކާރުން ފައްޓަވާފައިވާ މަޝްވަރާތައް އަލުން ފައްޓަވަނީ، ޙާސިލްކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތައް ޙާސިލްކުރުމަށް ޓައިމްލައިނެއް ކަނޑައަޅުއްވައިގެން ކަމަށް މަޝްވަރާތަކުގެ އެންމެ އިސް މަންދޫބް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މަޝްވަރާތަކަށް އދ.އިން ކަނޑައަޅުއްވާފައިވާ މަންދޫބު ތަމްރަތު ސެމިއުލް ރާއްޖެވަޑައިގަތުމާއި ގުޅިގެން މާދަމާ އަލުން މަޝްވަރާތައް ފެއްޓެވުމުގެ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާއަށް ހިއްސާ ކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްކޮންފަރެންސްގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ޕާޓީތަކުން ދައްކާ ވާހަކަތަކާއި ހުށައަޅާ ހުށައެޅުންތައް ބަދަލުވަމުންދާތަން ފެންނަ ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ހަރުދަނާގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކަމަށާއި، ލަނޑުދަނޑިތަކެއް ޙާސިލްކުރުމަށް ޓައިމްލައިންތަކެއް ކަނޑައަޅުއްވާނެ ކަމަށެވެ. ނަމަވެސް އެ ލަނޑުދަނޑިތަކުގެ ތަފްޞީލް ހާމައެއް ނުކުރައްވައެވެ. img:http://s4.psmnews.mv/images/660x400/14688335093173.jpg|ޕާޓީތަކުގެ މަޝްވަރާތައް އަލުން ފެށުމާގުޅޭގޮތުން މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ މީޑިއާއަށް މަޢުލޫމާތުދެއްވަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

އދ. ގެ މަންދޫބް ރާއްޖެ ވަޑައިގެންފައިވާތީ، މާދަމާ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތައް އަލުން ފެށިގެންދާނެ ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ. އަދި މަޝްވަރާތައް އަލުން ފައްޓަވާއިރު ސަރުކާރުގެ އެއްވެސް ހުށަހެޅުމެއް ނެތްކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް މިނިސްޓަރ ތަކުރާރު ކުރެއްވިއެވެ. ޝައިނީ ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމަށް ކުރަން ޖެހޭ ކަންކަމުގައި ދޫދެއްވާ އެއްބާރުލުން ދެއްވުމަށް ސަރުކާރުން ތައްޔާރަށް އޮތް ކަމަށެވެ. މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މާހައުލެއް ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ކަމަށް ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ފަރާތްތައް ތިއްބެވީ އިނގިރޭސިވިލާތުގައި ކަމަށާއި، އިނގިރޭސިވިލާތުގައި އެބޭފުޅުން ތިއްބަވާ ތަނުގައި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ މާހައުލެއް ދިވެހި ސަރުކާރަށް ޤާއިމްކޮށް ނުދެވޭނެ ކަމަށެވެ.