ޚަބަރު

މެމްބަރު އަޙުމަދު މަޙްލޫފް 4 މަހާއި 24 ދުވަހަށް ޖަލަށް


ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙުމަދު މަޚްލޫފް 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވައިފިއެވެ.

މެމްބަރު އަޙުމަދު މަޚްލޫފް ޖަލަށް ލާން ޙުކުމް ކުރައްވާފައިވަނީ ދައުލަތުން އުފުއްލަވާފައިވާ، ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ މައްސަލައިގެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.

ދައުލަތުން އަޙްމަދު މަޚްލޫފްގެ މައްޗަށް އުފުއްލެވި ދަޢުވާގައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މަޚްލޫފް ހައްޔަރުކުރައްވާ، ބަންދާ މެދު ގޮތެއް ނިންމެވުމަށް ކޯޓަށް ޙާޟިރު ކުރެއްވުމަށްފަހު އަނބުރާ ގެންދެވި ވަގުތު ތަކުރާރުކޮށް އެންގެވުމުންވެސް ފުލުހުންގެ ވެހިކަލަށް އަރާވަޑައިގަތުމަށް ދެކޮޅު ހައްދަވައި ދުވެވަޑައިގެން ފިއްލަވަން މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

މި މައްސަލަ ނިންމަވައި ކްރިމިނަލް ކޯޓުން މިއަދު ކުރެއްވި ޙުކުމްގައި ވަނީ ދައުލަތުން އަޙުމަދު މަޚްލޫފާއި ދެކޮޅަށް އުފުއްލެވި ދައުވާ ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

މި މައްސަލައިގެ އިތުރުންވެސް މެމްބަރު އަޙްމަދު މަޚްލޫފްގެ މައްޗަށް ދައުލަތުން ދަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ އިތުރު މައްސަލައެއްގައި ކްރިމިނަލް ކޯޓުގައި ދައުވާ ކުރަމުންނެވެ. މި މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިންމާލުމަށް ވަނީ ތާވަލްކުރެވިފައެވެ.