ކުޅިވަރު

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުން ރަންމެޑެއްޔެއް ހޯދިދާނެ: ވަޒީރު ރާފިޢު


ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީމުން ރަން މެޑެއްޔެއް ހޯދާތަން ކައިރި މުސްތަގުބަލެއްގައި ފެންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށް ދިޔަ 10 ވަނަ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެމުބާރާތުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެކަމަށެވެ.

"އެންމެ ބޮޑު ކާމިޔާބީއަކީ ވަރަށް ބޮޑަށް އިމްޕްރޫވްމަންޓު ފެނިގެން ދިޔަ މުބާރާތަކަށް ވެގެން މިދިޔައީ 10 ވަނަ ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު" ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ބައިނަލް އަޤްވާމީ ފެންވަރެއްގައި ރާއްޖޭގެ ޓީޓީ ޓީމުން ގައުމު ތަމްސީލުކުރާތާ ގިނަ ޒަމާންތަކެއްވެއްޖެކަމަށާ، އެހެންނަމަވެސް ކުރިއާ މިހާރާ ފެންނަ ތަފާތަކީ ކުޅުންތެރިންނަށް އައިސްފައިވާ ކުރިއެރުންކަމަށެވެ. މިގޮތުން ކުރިޔާ ޚިލާފަށް މިހާރުގެ ކުޅުންތެރިންގެ ކުޅުމުގެ ފެންވަރު މާބޮޑަށްވެސް ތަރައްޤީވެ ކުރިއަރައިފިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ބައިނަލް އަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާ، ވާދަވެރި އެހެން ޤައުމުތަކުގެ ކުޅުންތެރިންނާ ދެމެދު މާ ބޮޑު ފަރަޤެއް މިހާރު ނެތްކަމަށެވެ.

"އަޅުގަނޑުމެންނަށް އެންމެ ބޮޑު ތަފާތަކަށް ފެނުނީ ކުރީގަ އަޅުގަނޑުމެން ކުޅުނު އެހެން ޤައުމުތަކުން އަޅުގަނޑުމެންގެ ސެޓުތަކުން ލިބުނު ޕޮއިންޓްސްއާ މިއަހަރު އަޅާބަލާފަ ވަރަށް ބޮޑުތަނުން ތަފާތު. ވަރަށް ކުޑަ ތަފާތެއް މިހާރު މިއުޅެނީ ދެ ޤައުމު ދޭތެރޭގަ" ވަޒީރު ވިދާޅުވިއެވެ.

މިކަމުން ދައްކުވައިދެނީ މިކުޅިވަރު ކުރިއަރަމުން އަންނަ ހަލުވިމިންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އަދިވެސް ކުޑަކުޑަ ހިތްވަރެއް ލެވިއްޖެނަމަ ރަން މެޑައްޔެއް އޮތީ ދުރަކުނޫންކަމަށެވެ. މިގޮތުން ކޯޗުންނާ ކުޅުންތެރިން އިތުރު ހިތްވަރެއްލާ މަސައްކަތްކޮށްފި ނަމަ ރަން މެޑެއްޔެއް ހޯދުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެކަމެއްކަމަށް ދެކެލައްވާކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.
"އިތުރު އެފަޓެއް ލައިފިކަމަށްވެއްޖިއްޔާ ގޯލްޑްއަކާ ހަމައަށް ދިއުމަކީ ވަރަށް ފަސޭހަކަމެއްކަން މި މުބާރާތުން އަޅުގަނޑުމެންނަށް ލިބުނު މެސެޖަކީ. އެހެންވީމާ މިއީ ވަރަށް ކާމިޔާބީއޭ އަޅުގަނޑު ދަންނަވާނީ"

ސައުތު އޭޝިއަން ރީޖަނަލް ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ގައުމީ ޓީމުންވަނީ ރިހި މެޑެއްޔަކާއި ދެ ލޯ މެޑެލް ގައުމަށް ގެނެސްދީފައެވެ. ރާއްޖޭގެ 15 އަހަރާއި 19 އަހަރުން ދަށުގެ ޓީޓީ ޓީމުން މިކާމިޔާބީއާއެކު ރާއްޖެ އައިސްފަވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މުބާރާތް ކުރިއަށް ދިޔައީ އޭޕްރިލްމަހުގެ 24 އިން 27 އަށް ނޭޕާލުގައެވެ.