ޚަބަރު

ސްޓްރީޓް އާރޓް ފެސްޓިވަލް އެގްޒިބިޝަން ހުޅުވައިފި


މިނިވަން ދުވަހާއި ގުޅިގެން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ސްޓްރީޓް އާރޓް ފެސްޓިވަލް އެގްޒިބިޝަން ހުޅުވައިފިއެވެ. މި އެގްޒިބިޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒުއެވެ.

ރާއްޖޭގެ 51 ވަނަ މިނިވަންދުވަހާ ގުޅުވައިގެން ފުރަތަމަ ފެއްޓެވި ޙަރަކާތަކީ ސްޓްރީޓް އާރޓް ފެސްޓިވަލެވެ. ރާއްޖެއިން ބޭރުގެ ފަންނާނުން ގެނެސްގެން ބާއްވާ މި ޙަރަކާތް ފައްޓަވާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ހުނަރުވެރި ފަންނާނުންނާއި ރާއްޖޭގެ ފަންނާނުން ބައިވެރިވެގެން ކުރިއަށްގެންދާ މި ހަރަކާތް އެގްޒިބިޝަނެއްގެ ގޮތުގައި މިހާރުވަނީ ހުޅުވާފައެވެ. img:http://s4.psmnews.mv/images/660x400/14688204906799.jpg|ސްޓްރީޓް އާރޓް ފެސްޓިވަލް އެގްޒިބިޝަން ހުޅުވައިދެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ސްޓްރީޓް އާރޓް ހަރަކާތް ޖުލައިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އެގްޒިބިޝަން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ މިނިވަންކަން ފާހަގަކުރަމުންދާއިރު މިފަދަ ކަންތައްތައް ރޭވިގެންދިޔުމަކީ މުހިންމު ކަމެއް ކަމަށާއި، ރާއްޖޭގެ ޒުވާނުންނަށް، ޚާއްސަކޮށް ކުރެހުންތެރިންނަށް ސަރުކާރުން މި ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސްޓްރީޓް އާރޓާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ކުރެހުމަކީ ލިޔެފައިވާ ޖުމްލައަކަށްވުރެ ނުވަތަ ބުނެވޭ ބަހަކަށްވުރެވެސް ބޮޑަށް އޭގެއިން މާނަ ދޭހަކޮށްދޭ އެއްޗެއް ކަމަށާއި، މިފަދަ ކުރެހުންތައް ކުރެހޭނީ ވަރަށް ބޮޑަށް ސިނކުޑި ހުޅުވާލައިގެން ކަމަށެވެ. img:http://s1.psmnews.mv/images/660x400/14688205148964.jpg|ސްޓްރީޓް އާރޓް ފެސްޓިވަލް އެގްޒިބިޝަން ހުޅުވައިދެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މި ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އަހުމަދު ޒުހޫރު ވިދާޅުވީ ދިވެހިންގެ ތެރޭގައި މިފަދަ ހުނަރުވެރިކަން އިތުރުކުރުވަން ބޭނުންފުޅުވާ ކަމަށާއި، މިކަމުގެ ސަބަބުން ގިނަ މަންފާތަކެއް ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ. އޮސްޓްރޭލިއާގެ މަޝްހޫރު ހުނަރުވެރި ފަންނާނުންނާއި ރާއްޖޭގެ ފަންނާނުން ބައިވެރިވެގެން ކުރިއަށްގެންދިޔަ މި ހަރަކާތް އެގްޒިބިޝަންގެ ތެރެއިން ފެނިގެންދާއިރު، ސްޓްރީޓް އާރޓް ހަރަކާތް ޖުލައިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.