މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ލޯނު ދޫކުރަން ފަށައިފިއެވެ. އެ ބޭންކުން ވިދާޅުވީ މިއަދުން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކުރުމަށް، ބޭންކް އޮފް މޯލްޑިވްސް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިމަހުގެ 28 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ.
މަސްވެރިންނަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ލުއިތަކަކާއި އެކުއެވެ. އެގޮތުން ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީ (އަމިއްލައަށް ޚަރަދުކުރަންޖެހޭ ފައިސާ) ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގް ނެގޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ބީއެމްއެލުން ވިދާޅުވީ މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ހަމަޖައްސައިދޭނެކަމަށެވެ. މިއީ މިފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރުކަން ފާހަގަކުރެއެވެ.
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ޕަރސަނަލް ފައިނޭންސިންގް އަދި ލުއި ލޯނަށް އެދި ހުށަހެޅޭނެއެވެ.
ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުން، ޕަރސަނަލް ފައިނޭންސިންގެ އިތުރުން، މަސްވެރިންނަށް ހޯމް ބިލްޑް ފައިނޭންސިންގް، ހޯމް ޕަރޗޭސް ފައިނޭންސިންގް އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް އަށްވެސް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
މަސްވެރިކަމަކީ ވަޒީފާއެއްގައި އެކަށައަޅާ، ބޭންކިންގގެ ކްރެޑިޓް ރޭޓިންގްގެ ތެރެއަށް ފެތި މާލީ އިދާރާތަކުގެ ތެރެއިން ލޯނު ލިބުންފަދަ ޚިދުމަތްތައް މަސްވެރިންނަށް ލިބޭ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.