ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ޤުދުސްގެ ޖަންގަލިތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް ރޯވެ، ބޮޑު ސަރަޙައްދެއް އަނދައިފިއެވެ. އަލިފާންގަނޑުތައް ނިއްވައިލުމަށް ޔަހޫދީންގެ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، އަލިފާނުގެ ނުރައްކާ އޮތް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަލިފާނާ ގުޅިގެން މިހާތަނަށް 13 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމުގައި ޒަޔަނިސްޓު އިސްރާއީލުގެ މީޑިޔާތަކުން ރިޕޯޓު ކުރިއެވެ.
ހަލުވިކަމާ އެކު އަލިފާންގަނޑު ފެތުރެމުން ދިޔުމާ ގުޅިގެން ޤުދުސާއި ވެރިރަށް ތެލް އަވީވާ ދެމެދުގައި އޮތް މައި ހަލިމަގުގެ ބޮޑު ބައެއް ވަނީ ބަންދު ކުރަން މަޖުބޫރުވެފައެވެ. ޓީވީތަކުން ޢާންމު ކޮށްފައިވާ މަންޒަރުތަކުން ފެންނަނީ، މަގުތަކަށް އެއްގަމު އުޅަނދުތައް ދޫކޮށްލުމަށް ފަހު ޔަހޫދީން ރައްކާތެރި ކަން ހޯދުމަށް މަސައްކަތް ކުރަމުންދާ މަންޒަރެވެ.
އަލިފާންގަނޑުތައް ކޮންޓުރޯލުކޮށް ނިއްވައިލުމުގައި އެހީތެރިކަން ހޯދުމަށް ޔަހޫދީން ވަނީ ބޭރުގެ އެހީއަށް އެދި އާދޭސް ކުރަން ފަށާފައެވެ. އަދި، ބައެއް ޤައުމުތަކުން މިހާރު ވެސް ވަނީ އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ބުނެފައެވެ. އެ ޤައުމުތަކުން އަލިފާން ނިއްވުމުގައި ބޭނުން ކުރާނެ ތިން މަތިންދާބޯޓު ފޮނުވަން ނިންމާފައިވާ ކަމުގައި ޔަހޫދީން ބުންޏެވެ. ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ތެދުވެފައި ވަނީ އިޓަލީވިލާތާއި ކްރޮއޭޝިޔާއެވެ. އެހީތެރިކަން ހޯދުމަށް އެދި ޔަހޫދީން ވަނީ ގްރީސާއި، ސައިޕްރަސް އަދި ބަލްގޭރިޔާގެ ކިބައިން ވެސް އެދިފައެވެ.
ޒަޔަނިސްޓު އިސްރާއީލުގެ މީޑިޔާތަކުން ބުނީ، އަލިފާންގަނޑުތައް ނިއްވުމުގައި އަލިފާން ނިއްވާ 120 އިދާރާއެއްގެ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އަލިފާނުގެ ސަބަބުން ގެދޮރުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދައި ސަލާމަތް ކުރުމަށް ޔަހޫދީ ފައުޖުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަލިފާންގަނޑުތައް ފެތުރެން ފެށުމާ އެކު، ތިން ސަރަޙައްދެއްގައި ދިރިއުޅޭ ޔަހޫދީން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އަލިފާނުގެ ސަބަބުން 13 މީހަކަށް އަނިޔާވެފައިވާއިރު، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
އަލިފާންގަނޑުތައް ކޮންޓުރޯލުކޮށް ނިއްވައިލުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ޤައުމީ ފެންވަރެއްގައި ޔަހޫދީން ފާހަގަ ކުރާ ދެ ދުވަހެއްގެ ހަރަކާތްތައް ވަނީ ކެންސަލް ކޮށްފައެވެ. މި ގޮތުން، މެމޯރިޔަލް ޑޭ އަދި މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޤުދުސްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ހަރަކާތްތައް ވަނީ ފަސް ކޮށްފައެވެ.
ޤުދުސްގެ ޖަންގަލިތަކުގައި ރޯވެ، އަނދަމުން މި ދަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާތައް ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 2,300އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.