ޚަބަރު

ލޭބަރ މެނޭޖްމަންޓް އިންފޮރމޭޝަން ސިސްޓަމްއެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު ހައިދަރު


  • މަސައްކަތްތެރިންނަކީ ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގެ މައި ތަނބު

  • މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާޞްތެރި ބުރަ މަސައްކަތްކަން ޤަބޫލު ކުރަންޖެހޭ

މިނިމަމް ވޭޖް ރިވިއުކުރުމާއި، ލޭބަރ މެނޭޖްމެންޓް އިންފޯރމޭޝަން ސިސްޓަމްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ޚިތާބުގައެވެ.

މަސައްކަތްތެރިންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންގެ ޤަދަރު މަތިކޮށް، އަބުރުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. ފުދުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމުގައި، ޖަމާޢަތުގެ މަސްއޫލިއްޔަތުގެ ވަރުގަދަކަން ހަނދާނަށް ގެންނަން ޖެހޭ ދުވަހެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ދުވަހުގެ ތަޙުނިޔާ ހުރިހާ މަސައްކަތްތެރިންނަށް ފޮނުއްވަވާފައެވެ.

މަސައްކަތްތެރިންނަކީ ޤައުމު ތަރައްޤީކޮށް ކުރިއެރުވުމުގެ މައި ތަނބުކަން ފާހަގަކުރައްވާ ވަޒިީރު ވިދާޅުވި ޤައުމުގެ އިޤްތިޞާދު ވަރުގަދަވެ، ދުވެލި ބާރުވުމުގެ ފަހަތުގައިވަނީ މަސައްކަތްތެރިންގެ ތެދުވެރިކަމާއި އިޚްލާޞްތެރި ބުރަ މަސައްކަތްކަން ޤަބޫލު ކުރަންޖެހޭކަމަށެވެ. އަދި މުޖުތަމަޢު ކުރިއަރުވައި، ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމުގެ އާރުކާޓީންނަކީ މަސައްކަތްތެރިންކަންވެސް ވަޒީރު ވިދާޅުވިއެވެ. .

މި އަހަރުގެ މަސައްކަތްތެރިންގެ ޝިޢާރަކީ "ރިވޮލިއުޝަނަލައިޒިންގ ސްކިލްސް އެންޑް ޓްރެއިނިންގ: ބިލްޑިންގ އަ ރެސިލިއަންޓް މޯލްޑިވްސް ވޯކްފޯސް ފޮރ އިންކްލޫސިވް އިކޮނޮމިކް ގްރޯތް"އެވެ. މި ޝިއާރަށް އަލިއަޅުވާލައްވަމުން ވަޒީރު ވަނީ މި ޝިޢާރުން ހާމަކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް މަސައްކަތުގެ މައިދާނުގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި ވަސީލަތްތަކާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން، "އެންމެންނަށް ވަޒީފާ" މި ސިޔާސަތުގެ ދަށުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެ ވުޒާރާއިން 2,000 އަށްވުރެ ގިނަ ދިވެހިންނަށް ހުނަރު ދަސްކޮށްދިނުމާއި، 300 ޒުވާނުންނަށް ޚާއްސަ ތަމްރީނު ދިނުމާއި، ނޭޝަނަލް ކެރިއަރ ސަރވިސް މެދުވެރިކޮށް ވަޒީފާއާ ގުޅޭ އެކިއެކި ހިދުމަތްތައް ފޯރުކޮށްދެމުންދާކަމަށެވެ. އަދި މި ހުރިހާ މަސައްކަތަކީވެސް އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް އެޅޭ ވަރުގަދަ ބިންގަލެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އާދެ! މަސައްކަތްތެރިންގެ ޙައްގުތައް ރައްކާތެރިކޮށް، އިޖުތިމާއީ މަޝްވަރާތައް އިތުރުކޮށް، މަސައްކަތުގެ މާހައުލު ރައްކާތެރިކުރުމަށް އައު ބާބެއް ފެށިގެން ދިޔައީ އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނު (1/2024) އަދި އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ގާނޫނު (2/2024) މި ދިޔަ އަހަރު ތަސްދީގުކުރެއްވުމާ އެކު. މި ޤާނޫނުތަކާއެކު، ޓްރޭޑް ޔޫނިއަންތައް ރަޖިސްޓްރީ ކުރަން ފެށި، ސަރުކާރާއި ވަޒީފާދޭ ފަރާތްތަކާ އަދި މަސައްކަތްތެރިން ބައިވެރިވާ ލޭބަރ އެޑްވައިޒަރީ ބޯޑު ޤާއިމުކުރެވުނުކަން ފާހަގަކުރަން. އަދި މަސައްކަތުގެ މާހައުލުގެ ސިއްހަތާއި ރައްކާތެރިކަމާބެހޭ ކައުންސިލެއްވެސް ވަނީ އުފައްދާފައި." މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވަޒީފާއާގުޅޭ ޚިލާފުތައް އަވަހަށް ހައްލުކުރުމަށް ޓްރައިބިއުނަލްގައި އައު ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޝަނެއް ގާއިމުކުރެވި، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖެ އިޖުތިމާއީ އިންސާފަށް މަސައްކަތްކުރާ ގްލޯބަލް ކޯލިޝަންގެ މެންބަރަކަށްވެސް ވެފައިވާކަމަށެވެ. އަދި އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަނާ ގުޅިގެން ޑީސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މިނިމަމް ވޭޖް ރިވިއުކުރުމާއި، ލޭބަރ މެނޭޖްމެންޓް އިންފޯރމޭޝަން ސިސްޓަމްއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަޅުގަނޑުމެން ކުރިއަށް ދާންވާނީ ސަރުކާރާއި، މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތައް އެކުގައި މަސައްކަތްކޮށްގެންކަމަށެވެ. އަދި އިންސާފުވެރިކަމާއި އެކުވެރިކަމާއެކު މަސައްކަތުގެ މާހައުލުގައި އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރެވިފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.