ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުޅުން ފެށުނުތާ 30 ވަނަ ސިކުންތުރުގައި އިންޓަރ މިލާނުގެ މާކަސް ތުރާމް ވަނީ ލަނޑެއް ޖަހާ ބާސެލޯނާއަށް ސިހުން ގެނުވާފަ އެވެ. ޑެންޒެލް ޑެމްފްރައިސް ހުރަސް ކުރި ބޯޅަ "ބެކްހީލް" އަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ތުރާމް ލަނޑު ޖެހިއިރު މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ސެމީ ފައިނަލެއްގައި ލަނޑެއް ޖެހި އެންމެ އަވަސް ވަގުތެވެ.
އަދި އޭގެ 20 މިނިޓު ފަހުން ޑަމްފްރައިސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް މެޗުގެ 24 ވަނަ މިނިޓުގައި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ އޭނާގެ ފެންވަރު ދައްކާލާ ލަނޑެއް ކާމިޔާބުކޮށް ބާސެލޯނާއަށް އުންމީދު ގެނުވާފަ އެވެ. އިންޓަރ މިލާނުގެ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލުމަށްފަހު ލަމީން ޔަމާލް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ވަންއިރު އިންޓަރ މިލާނުގެ ކީޕަރު ޔާން ސޮމާރއަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އުމުރުން 17 އަހަރުގެ ލަމީން ޔަމާލް މިއީ ބާސެލޯނާއަށް ކުޅެދިން 100 ވަނަ މެޗެވެ. އަދި މި މެޗުގައި އޭނާ ޖެހި ލަނޑާއެކު ބާސެލޯނާއަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު 22 އަށް އަރާފައިވާއިރު އޭނާ ވަނީ 33 ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ.
ލަމީން ޔަމާލް މި މެޗުގައި ލަނޑެއް ޖަހާފައިވާއިރު އޭނާ ފޮނުވާލި އިތުރު ދެ ހަމަލައެއް ވަނީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތް މިނިޓަށް ވެފައިވަނިކޮށް ބާސެލޯނާގެ ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑަކީ ރަފީނިއާ ދިން ޕާހަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އިންޓަރ މިލާނުން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދާފައިވަނީ މެޗުގެ 63 ވަނަ މިނިޓުގައި ޑެންޒެލް ޑަމްފްރައިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އިންޓަރ މިލާނަށް ލިބުނު ކޯނަރު ހަކާން ކަލަނޮގްލޫ ނަގައިދިން ވަގުތު ބޮލުންޖަހާ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ނަމަވެސް އޭގެ ދެ މިނިޓު ފަހުން ފަހުން ބާސެލޯނާއަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އިންޓަރ މިލާނުގެ ކީޕަރު ސޮމާރގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ 3-3 އަށް ބަދަލުވެފަ އެވެ.
ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގަ އެވެ.